ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު މި ސަރުކާރުގައި ހުއްޓިފައިވާކަން ހާމަވެއްޖެ އެވެ.
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވައި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސްގެ މަޝްރޫއަށް އިޝަރާތް ކުރައްވައި ސަނީފް ވިދާޅުވީ ވެރިކަން ބަދަލުވެގެން ދިޔައިރު އެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރާއެކު އެ މަސައްކަތް އެކުއެކީގައި ހުއްޓިފައިވާ ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫގައި 200 ރޯ ހައުސް ކުރީ ސަރުކާރުގައި ބަޔަކާ ހަވާލުވި. އެއީ ސަރުކާރުން ފަންޑު ކުރާ ގޮތަށް އެ ބަޔަކަށް ފައިސާ ދެވި އެ މަސައްކަތް އެ ސަރުކާރުން ފައިސާ ދެވިފައިވާ މިންވަރާ އެއްވަރަށް ގާތްގަނޑަކަށް މުޅި މަސައްކަތުގެ 70 ޕަސެންޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އިމާރާތްތައް ކޮޅަށް ޖެހި، އިމާރާތްތައް ހިޔާކުރެވި ނިމިފައި ހުއްޓައި މިސަރުކާރާ ހަވާލުވެެގެން އެބޭފުޅުން ފައިސާ ޕްރޮޖެކްޓަށް ނުލިބުމުގެ ސަބަބުން އެމަސައްކަތް 200 ހައުސިން ޔުނިޓްގެ މަސައްކަތް އެއޮތީ ހުއްޓިފައި. އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން މިއާއެކު ކޮންކަހަލަ ނިޔަތެއް އޮވެގެން ކަމެއް އަޅުގަނޑަށް ނޭނގޭ ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ރާއްޖޭގައި އިއުލާން ކުރެވުނު ބައިވަރު ޕްރޮޖެކްޓްތަކެއް ގާތްތިމާގެ މީހުންނަށާއި، ރައްޓެހިންނާއި މަޖިލިސް މެންބަރުންނާއި ބަހާލެވުނުއިރު ތިނަދޫގެ ވެސް މެންބަރަކަށް މީގެ 50 ޔުނިޓްގެ ޕްރޮޖެކްޓް ދީފައިވޭ. މީގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮން މަގުސަދެއްގައި ކަމެއް އަޅުގަނޑަށް ނޭނގޭ. މިތާގެ ބިންގަލެއް އެޅި ވާހަކަ އަޅުގަނޑު އަހާފިން.ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް
ތިނަދޫގެ 200 ރޯހައުސް އިމާރާތްކުރަން ފެށީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. ތިނަދޫގައި މި 200 ރޯހައުސް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށިފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޔުނިޓްތަކަށް ކުރިމަތިލުމަށް 2025 ވަނަ އަހަރު ހުޅުވާލި ނަމަވެސް މި މަޝްރޫއު އެއްކޮށް ނިންމާފައިނުވެ އެވެ. އޭރު ހައުސިން މިނިސްޓްރީން ބުނީ، 1022 މީހުން އެޕްލިކޭޝަން ހުށަހަޅައިފައިވާ ކަމަށާއި، އެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން 23 މާރޗް 2026 ގައި ތިނަދޫ ސިޓީގައި އިތުރު 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށިކަން އިއުލާން ކުރި އެވެ.
450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މިމަޝްރޫއު ހަވާލުކުރި ނަމަވެސް ބިންގާ އެޅުން ފިޔަވައި އިތުރު މަސައްކަތެއް މިހާތަނަށް ކޮށްފައިނުވެ އެވެ.