ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކުރި މައްސަލައިގައި 15 ދުވަހަށް ޖަލަށް ލި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންކޮށްފި އެވެ.

މި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާ ކޯޓަށް ހާޒިރު ކުރުމަށް އަންގާ ބުނެފައި ވަނީ  "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" ނެރެފައިވަނިކޮށް އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަމަށް ބެލެވޭ ކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާދިއްތަ ދުވަހު ސިޓީ އިން އެ ކޯޓުގެ ސަމާލުކަމަށް ގެނެސްދީފައިވާތީ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ސ) ގެ ދަށުން، ކޯޓު ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި ކޯޓަށް ހާޒިރު ކުރާ ކަމަށެވެ. 

15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޝަހުޒާން ޒޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހުގަ އެވެ. 

ޝަހުޒާން އޭނާ އަށް ކުރި ޖަލު ހުކުމް ތަންފީޒު ކޮށްފައިވަނީ މާފުށި ޖަލުގަ އެވެ. ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންކޮށްފައި ވަނީ، ހުޅުމާލެ ޖަލުންނެވެ.

ޝަހުޒާންގެ އިތުރުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ވަނީ މީގެ ކުރިން ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފައެވެ. ކްރިމިނަލް ކޯޓުން ލީވާން ޖަލަށްލުމަށް ހުކުމްކުރީ 10 ދުވަހުގެ މުއްދަތަށެވެ.

މި ދެ ނޫސްވެރިން ޖަލަށް ލުމާއި ގުޅިގެން ރާއްޖެ އާއި ބޭރުގެ ގިނަ ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކުންގެ އިތުރުން ކުރީގެ ރައީސުންނާއި، ސިޔާސީ އިސް ބޭފުޅުން އަދި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ މިކަމުގެ ކަންބޮޑުވުންފާޅު ކޮށް އެ ދެ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް މިސަރުކާރުން ދިން ވަރަށް ވަރުގަދަ ހަމަލާއެއް ކަމަށާއި، ރައްޔިތުންނަށް ބިރު ދެއްކުމަށްޓަކައި ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.