ތިނަދޫ ސިޓީއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް  މިހާތަނަށް ފުއްދާފައިނުވާ ކަމަށާއި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ބަދަލު ކޮށްފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމުގައި ސަނީފް ވިދާޅުވީ، ތިނަދޫ ސިޓީ ތަރައްގީ ކުރުމަށްޓަކައި ރައީސް މުއިއްޒު ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މިސަރުކާރަށް ދެ އަހަރާއި ބައިވެގެން ދާއިރު، އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށް ސަނީފް ވިދާޅުވި އެވެ. 

ތިނަދޫ އެއަރޕޯޓުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ސަނީފް ވިދާޅުވީ، ތިނަދޫ ރައްޔިތުންގެ ކުރިމަތީގައި އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށާއި، ވަރަށް ބޮޑެތި އުންމީދުތަކެއް ރައްޔިތުންނަށް ދިން ކަމަށެވެ. ނަމަވެސް މިހާރު އެއްބަސްވުން ބާތިލްކޮށްފައިވާއިރު، މިމަޝްރޫއު 3 ފަހަރެއްގެ މަތީން ބަަދަލުވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު މި އެއަރޕޯޓު 12 ރިސޯޓާއެކު ތަރައްގީ ކުރާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. 

ހަގީގަތުގައި ތެދުތެދަށް ދަންނަވާނަމަ ތިނަދޫއަށް ރައީސުލްޖުމްހޫރިއްޔާ ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް ފުދިފައިނުވޭ. އޭގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ތިނަދޫގެ އެންމެ ފުރަތަމަ ރިޔާސީ ރޭހުގައި ނުކުމެވަޑައިގެން އުޅުއްވަމުން ވިދާޅުވީ ތިނަދޫ އިންޓަނޭޝަނަލް އެއަރޕޯޓު ކާޑެއްދޫގައި ތަރައްގީ ކޮށްދޭނަމޭ . އެއީ ތިނަދޫއާ ގުޅުވާލައިގެންނޭ. އެހެން ނަމަވެސް އެ ވައުދު އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ތިނަދޫއަށްވީ އެއް ވައުދު އެއީ. އެއާއެކު ތިނަދޫގެ ހޮސްޕިޓަލް ތަރައްގީ ކުރުމާއި، ތިނަދޫގެ މަގުތައް ހެދިގެންދާނެ ވާހަކައާއި ދެން ވެސް ތިނަދޫގައި ނުނިމިހުރި ކުރީ ސަރުކާރުން އޭރު ރައީސް މުއިއްޒު ސަރުކާރާ ހަވާލުވިއިރު އޭގެ ކުރީ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތްތައް ނުނިމި ހުރި މަސައްކަތްތައް ފުރިހަމަ ކޮށްދޭނެ ވައުދަކީ ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދުތަކެއް. 
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް

މީގެ އިތުރުން ސަނީފް ވަނީ ތިނަދޫގެ އިންޑަސްޓްރިއަލް ޒޯނުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފަ އެވެ. 

އޭގެތެރެއިން އަޅުގަނޑު ފާހަގަކޮށްލާ ހިތްއޮތީ އެންމެ ބޮޑަށް ޚާއްސަކޮށް ތިނަދޫގެ އިންޑަސްޓްރިއަލް ޒޯނު އެއީ ޕޯޓުގެ މަސައްކަތް އިންޓާނޭޝަނަލް ޕޯޓަކާއެކު އެކުވެގެން ތިނަދޫގެ ގޭސް ފެސިލިޓީއަށް ގޭސް އެޅޭނެ މައި ލައިން ވެސް އެއާ ގުޅުވި ތިނަދޫގައި މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖެއް ވެސް އެބިމުގައި އަޅަން ހުރިހާ މަސައްކަތެއް ކޮށް ބިން ހިއްކާ އަދި އެއާއެކު ކޯލްޑްސްޓޯރޭޖަށް ބޭނުންވާ ހުރިހާ ފެސިލިޓީ ވެސް ގެންގޮސް އިމާރާތުގެ ފައުންޑޭޝަން ލަވަލްގެ މަސައްކަތް ކުރެވި ގޮސްފައި އޮތް މަސައްކަތެއް. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު ދެ އަހަރާއި ބައިވިއިރުގައި އެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނައިސް ހުއްޓިފައި އޮތް ކަން ވަރަށް ހިތާމައާއެކު އަޅުގަނޑު ފާހަގަކުރަން. 
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް

ސަނީފް ވިދާޅުވީ މިސަރުކާރުގައި އިތުރަށް އެސިޓީއަށް ތަރައްގީ ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމަށް ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒަކީ ވައުދު ފުއްދަވާ ރައީސްއެއް ނޫންކަން މިހާރު ރައްޔިތުންނަށް އޭނގޭ ކަމަށެވެ.