އަޟްޙާ އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ގޮވާލައްވައިފި އެވެ.
އަޟްޙާ އީދުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ހައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަޟުޙާ އީދުގައި އެކުވެރި، ބާރުވެރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރާން ޖެހޭކަން ފާހަގަކުރައްވައި، އެކަކު އަނެކަކަށް ހެޔޮ އެދޭގޮތުން މަތިވެރި އަމާން ސަލާމަކުން ސަލާމް ކޮށްލުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ނައިބު ރައީސްގެ މި ޕޯސްޓުގައި އެކުވެރި ކަމަކީ ގަދަފަދަ ބާރެއްކަން ވެސް ފާހަގަ ކުރައްވާފައިވެ އެވެ.
ނައިބު ރައީސް މިފަދަ އިލްތިމާސް ކުރެއްވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އަޟްޙާ އީދަކީ، މުސްލިމުންނަށް އަންނަ ބޮޑު 2 އީދުގެ ތެރެއިން ހައްޖުގެ އަޅުކަމަށްފަހު ފާހަގަކުރާ އީދެވެ. މުޅި ރާއްޖޭގައި ކުލަގަދަކޮށް މި އީދު ފާހަގަ ކުރަމުންދާއިރު، އީދު ޚުތުބާގައި ވެސް ވަނީ މީހުންނަށް ފުރައްސާރަ ކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތައް ފެންނާތީ، މިކަންކަމުން ދުރުހެލިވުމަށް ގޮވާލާފަ އެވެ. އަދި އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާން ކޮށްދީފައިވެ އެވެ.