އަތޮޅުތެރޭގައި
އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެން ދިއުމަށް ފުރުސަތު ނުދެއްވާނެކަމަށް ޕާޓީގެ ޗެއަރޕަރސަންކަމަށް
ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އޭނާ
އެފަދައިން ވިދާޅުވީ އިތުބާރު ކެމްޕޭނު ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
ވާހަކަ ދައްކަވަމުންނެވެ.
މީކާއީލް
ވިދާޅުވީ، އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް މަޑުޖެހިފައިވާ ކަމުގެ ޝަކުވާ
އާންމު މެމްބަރުން ކުރަމުންދާ ކަމަށާއި، އެކަން
ޙައްލުކުރަން ޖެހޭ ކަމަށެވެ.
އަތޮޅު ތެރޭގެ ރަށްރަށުގައި ހުރި އެމްޑީޕީގެ
ޖަގަހަތައް ހިންގުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން
މީކާއީލް ވިދާޅުވީ، ބައެއް ރަށްރަށުގައި ޕާޓީގެ ހިންގުން ހުއްޓިފައިވަނީ
އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ޖަގަހަތައް
ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާޓީގެ ހިންގުމާއި ވައްޓަފާޅިއަށް ބޮޑެތި
ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި، އެ ބަދަލުތައް ގެންނާނީ ޕާޓީގެ އާންމު
މެމްބަރުންގެ ލަފަޔާއި މަޝްވަރާއާ އެކުގައި ކަމަށްވެސް މީކާއީލް
ފާހަގަކުރެއްވިއެވެ.
ޕާޓީގެ މުސްތަގުބަލާ ގުޅޭގޮތުން
ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީގެ މެމްބަރޝިޕްގައި ޒުވާނުންގެ
އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
އެކަމަށްޓަކައި ޕާޓީގެ ހިންގުމުގެ ތެރެއިން
ޒުވާން މޫނުތައް ފެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ގޮތުން ކުރިމަގު
ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށާއި، ޕާޓީގެ ހިންގުން
ހަރުދަނާކޮށް މެމްބަރުންގެ އިތުބާރު ހޯދުމަކީ އެންމެ އިސް އަމާޒު ކަމުގައި
މީކާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ އާންމު
މެމްބަރުންނާއި ކައުންސިލު މެމްބަރުންނަށްވެސް ޕާޓީގެ ކަންކަމުގައި ބަސް ކިޔޭނެ
ފަދަ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް އިތުރަށް ވިދާޅުވީ، އޭނާގެ
ޗެއަރޕަރސަންކަމެއްގައި ޕާޓީގެ އިސް ސަފުން ފުރުސަތު ހޯދަން ބޭނުންވާ ކޮންމެ
މެމްބަރަކަށްވެސް އެ މަގު ފަހިވެފައި އޮންނާނެ ކަމަށެވެ.