މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭކަމަށް އަޟްހާ އީދުގެ ޚުތުބާގައި ބުނެފިއެވެ. 

އަޟްހާ އީދު ދުވަހުގެ ޚުތުބާގައި ވަނީ މުސްލިމުންނަށް އެކަކު އަނެކަކަށް މާފުކޮށް ހިތް ސާފުކޮށްލުމަށް ގޮވާލާފައެވެ. 

މީގެ އިތުރުން ބޮޑާކަމާއި ކިބުރުވެރިކަން އަދި ހަސަދަވެރިކަމާއި ނުނިޔަތްލުން ފަދަ ނޭއްގާނީ ކަންކަން ހިތުން ފުހެލުމަށްވެސް ގޮވާލާފައިވެއެވެ. 

މިއަހަރުގެ އަޟްހާ އީދު ޚުތުބާގައި ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި އެ ދުވަހުގެ މަތިން ހަނދާން ކުރުމަށް ހަނދާންކޮށްދީފައިވެއެވެ. އެގޮތުން ޤިޔާމަތް ދުވަހުގައި މާތް ﷲ ގެ ދަރުބާރަށް ހާޒިރުވެ މަޙުޝަރުގެ މައިދާނުގައި ކޮޅަށް ތިބޭނެ ދުވަސްމަތިން ހަނދާން ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެތައް މިލިއަން މުސްލިމުންނެއް ޖަމާވެ ތިބި މައްކާގެ ބިމަށް ބަލާލުމުންވެސް ލިބިގެންދަނީ ގިނަ ފިލާވަޅުތަކެއް ކަމަށް ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ. މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ޤިޔާމަތް ދުވަހުގެ ބިރުވެރިކަން އަންދާޒާކުރުމަށްވެސް ގޮވާލައިފައިވެއެވެ. އެގޮތުން އެތައް މިލިއަން މޭލެއް ދުރުން އިރު ފެންނަންހުރިއިރު ވާ ހޫނާއި ޤިޔާމަތް ދުވަހު މީސްތަކުންގެ ބޮލާއި ކައިވަތަކަށްވުރެ ކައިރިއަށް އިރު އައިސްފައި ހުންނައިރު ވާނެ ހޫނު އަންދާޒާކޮށް އެ ދުވަހުގެ ބިރުވެރިކަން ހިތަށް ގެނައުމަށް ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ. 

މީގެ އިތުރުން ހެޔޮ އަމަލުކޮށް ތަޤުވާވެރި ވުމަށާއި، ޤިޔާމަތް ދުވަހުގެ މަތިން ހަނދާންކޮށް، އެ ދުވަހަށް ތައްޔާރުވުމަށް މުސްލިމުންނަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އަޟްހާ އީދުގެ ދުވަހަކީ މުސްލިމުންގެ ދެ އީދުގެ ތެރެއިން އެއް އީދެވެ. މި އީދުގެ ދުވަހު މުސްލިމުން އީދު ނަމާދު ކުރުމަށްފަހު އުޟްޙިއްޔާ ކުރުމަކީ ސުންނަތެކެވެ.