އީދު ބަންދުގެ ކުރިން ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާކޮށްދީފައި ނުވާތީ ގިނަ ބައެއްގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، މި މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ފަށާނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި ދައުލަތުގެ މުވައްޒަފުންނަށް މެއި މަހުގެ މުސާރަ ލިބޭނީ މި މަހުގެ 28 އަދި 31 ވަނަ ދުވަހު އެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވަނީ މުސާރަ ލަސްވާތީ މުވައްޒަފުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. އެ މިނިސްޓްރީން ބުނީ މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާވާނީ މި ހަފުތާ ނިމޭ ދުވަހާއި އަންނަ ހަފުތާ ފެށޭ ދުވަހު ކަމަށެވެ. މި ހަފުތާގެ ބުރާސްފަތި ދުވަހަކީ އީދު ޗުއްޓީގެ ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވާ ދުވަހެވެ. މިނިސްޓްރީން ބުނި ގޮތުގައި މުސާރަ ދިނުމުގެ ކަންކަން މި ތާރީޚުތަކަށް ތަރުތީބުކުރީ ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.

ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން އަންނަނީ އީދު ބަންދުގެ ކުރިން މުސާރަ ނުލިބުމުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. ގިނަ މުވައްޒަފުން އުންމީދުކޮށްގެން ތިބީ އީދު ބަންދަށް އޮފީސްތައް ބަންދުވުމުގެ ކުރިން މުސާރަ ލިބޭނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން ފުރަތަމަ މަސައްކަތް ކުރީ އީދަށް ބަންދު ކުރުމުގެ ކުރިން މުސާރަ ޖަމާކޮށްދިނުމަށެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެލަވަންސްތައް ހަދައި، ސަރުކާރުގެ ވުޒާރާތަކުން މުސާރަ ޝީޓުތައް ވެސް އޮތީ ފިނޭންސަށް ފޮނުވާފަ އެވެ.

އީދު ބަންދާ ގުޅިގެން މުސާރަ ދިނުން ލަސްވި ކަމަށް ސަރުކާރުން ބުނާއިރު، ފަހަކަށް އައިސް ސަރުކާރުގެ މުވައްޒަފުންގެ އަދަދު އިތުރުވެ، މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ އިތުރުން ޕޭ ހާމަނައިޒޭޝަންގެ ދަށުން ގެނައި ބަދަލުތަކާއެކު މުވައްޒަފުންނަށް ކުރާ ހަރަދު ވެސް ވަނީ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ.