ހުޅުމާލެ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އަންގާރަ ދުވަހުން ފެށިގެން އެ ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

އެޗްޑީސީން ބުނީ މި ޖެޓީއަށް ގެއްލުން ލިބުނީ އެ ސަރަހައްދަށް މުދާ އުފުލާ ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިވަގުތު އެތަން ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ، ބާޖު ޖެހުމުގެ ސަބަބުން ޖެޓީގެ އޮނިގަނޑަށް ލިބިފައިވާ ގެއްލުންތަކަކީ ބޮޑެތި ގެއްލުންތަކެއް ކަމަށާއި، އެހެންވެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖެޓީ ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ޖެޓީ މަރާމާތުކޮށް ނިމެންދެން، ވަކި މުއްދަތެއް ނެތް ގޮތަށް ޖެޓީ ބަންދުކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ، ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ ހުރިހާ އެސެސްމަންޓުތައް ހަދައި، މަރާމާތުގެ މަސައްކަތް ނިންމައި އެތަން އަލުން ހުޅުވަންދެން އެތަނަށް އެރުމާއި ބޭނުންކުރުން މަނާވާނެ ކަމަށެވެ. 

ހުޅުމާލޭ ލަކުޑި ޖެޓީއަކީ އާންމުކޮށް ސަފާރީތަކުން އަންނަ ފަތުރުވެރިންނާއި، ހުޅުމާލޭ ބަނދަރުން ފުރާ ދަތުރުވެރިން ގިނަ އަދަދަކަށް ބޭނުންކުރަމުން އަންނަ މުހިންމު ސަރަހައްދެކެވެ. ހުޅުމާލެ ފެރީ ޓާމިނަލާއި އިންވެގެން ހިއްނަ މި ޖެޓީ ރިސޯޓުތަކުން އަންނަ ގިނަ އަދަދެއްގެ ލޯންޗުތައް ކައިރިކުރުމަށް ވެސް ބޭނުންކުރެ އެވެ.

ޖެޓީ އަށް ގެއްލުން ލިބުނު ހާދިސާގެ ތަފްސީލު އެޗްޑީސީ އިން އަދި ހާމައެއް ނުކުރެ އެވެ.