އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ޕާޓީގެ ޗެއަރޕަރސަންކަމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. 

އިތުބާރު ކެމްޕޭނު ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވަކި ފަރާތެއްގައި ތިބޭ މެމްބަރުން އިންތިޚާބަށްފަހު ތިބެންޖެހޭނީ ފަހަތު ސަފުގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މީކާއީލް ވިދާޅުވީ، ކޮންމެ ކޮޅެއްގައި ތިބި ނަމަވެސް ޕާޓީން ހަމަހަމަ ފުރުސަތުތައް ދޭން ޖެހޭނެ ކަމަށާއި، ވަކި ކޮޅެއް ނަގައިގެން އެމްޑީޕީގެ މެމްބަރުން ބާކީވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެހެންކަމުން އޭނާގެ ޗެއަރޕަރސަންކަމެއްގައި ޕާޓީގެ އިސް ސަފުން ފުރުސަތު ހޯދަން ބޭނުންވާ ކޮންމެ މެމްބަރަކަށްވެސް އެ މަގު ފަހިވެފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް މަޑުޖެހިފައިވާ ކަމުގެ ޝަކުވާ އާންމު މެމްބަރުން ކުރަމުންދާ ކަމަށެވެ. އެކި ސަބަބުތަކާ ހުރެ އަތޮޅު ތެރޭގެ ޙަރަކާތްތައް ވަޅުޖެހިފައިވާކަން ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، ޕާޓީ ބައިބައިވެގެންދާކަށް އާންމު މެމްބަރުން އެއްގޮތަކަށްވެސް ނޭދޭ ކަމަށެވެ.

އެހެންކަމުން ޕާޓީ ބައިބައިވެގެން ދިއުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، އެމްޑީޕީގެ އާންމު މެމްބަރުންނާއި ކައުންސިލު މެމްބަރުންނަށްވެސް ޕާޓީގެ ކަންކަމުގައި ބަސް ކިޔޭނެ ފަދަ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި ހުރި އެމްޑީޕީގެ ޖަގަހަތައް ހިންގުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މީކާއީލް ވިދާޅުވީ، ބައެއް ރަށްރަށުގައި ޕާޓީގެ ހިންގުން ހުއްޓިފައިވަނީ އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ޖަގަހަތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ހިންގުމާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި، އެ ބަދަލުތައް ގެންނާނީ ޕާޓީގެ އާންމު މެމްބަރުންގެ ލަފަޔާއި މަޝްވަރާއާ އެކުގައި ކަމަށްވެސް މީކާއީލް ފާހަގަކުރެއްވިއެވެ.

ޕާޓީގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީގެ މެމްބަރޝިޕްގައި ޒުވާނުންގެ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެކަމަށްޓަކައި ޕާޓީގެ ހިންގުމުގެ ތެރެއިން ޒުވާން މޫނުތައް ފެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ގޮތުން ކުރިމަގު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށާއި، ޕާޓީގެ ހިންގުން ހަރުދަނާކޮށް މެމްބަރުންގެ އިތުބާރު ހޯދުމަކީ އެންމެ އިސް އަމާޒު ކަމުގައި މީކާއީލް ވިދާޅުވިއެވެ.