ކަމަދޫ އީދު އުފާ 1447ގެ ދެވަނަ ދުވަހުގެ އީދު ކުޅިވަރުތައް ފަށާފައި ވަނީ އެ ރަށުގެ ޅަ ފުރާގެ ކުދިންގެ ސަޤާފީ ކުޅިވަރުތަކާއި އެކުގަ އެވެ.

ހެނދުނު އެ ރަށުގެ ކުޅިވަރުތައް ފަށާފައި ވަނީ ދަނޑި ޖެހުމުގެ ޗާލު ހަރަކާތްތަކާއި އެކުގަ އެވެ. އެ ހަރަކާތުގައި އެ ރަށުގެ ފުރާވަރުގެ ޖީލުގެ ހުނަރުވެރިކަން ވަނީ ދައްކާލާފަ އެވެ.

އެ ހަރަކާތްތައް ދައްކާލަމުން ދިޔަ އިރު އެ ނެށުންތައް ކުރިއަށް ދިޔައީ ރަށާއި ގުޅުން ހުރި ރީތި ލަވަތަކާއި ސަޤާފީ ރީތި ލަވަތަކާއި އެކުގަ އެވެ. މީގެ އިތުރުން ސްކޫލް ކުދިންގެ ފަތި ޖެހުން ފަދަ ފަރި ހަރަކާތްތައް ވެސް ފެނިގެން ދިޔަ އެވެ. 

ކަމަދޫ އަކީ ރާއްޖޭގެ އިީދު ފޯރި އެންމެ ގަދަ އެއް ރަށަށް ވާއިރު، މެންދުރު އެ ރަށުގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރޭގައި އެ ރަށުގެ ބަނދަރު ސަރަހައްދުގައި ކުރިއަށް ދިޔަ ޚާއްސަ ހަރަކާތްތައް ފާހަގަކޮށްލެވެ އެވެ. ހެނދުނު ދަންފަޅީގެ ހަރަކާތްތައް ނިންމާލީ ރަށުގެ ބަނދަރާއި ހިސާބަށެވެ.

އެ ރަށުގެ މާލި ހަރަކާތް ވެސް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ރޭވިގެންނެވެ. 01:30ގައި ކުރިއަށް ދިޔަ މާލި ހަރަކާތް ވެގެން ދިޔައީ އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ކަމަކަށެވެ. މި ހަރަކާތުގައި އެ ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ ބައިވެރިވެފަ އެވެ. އެ ރަށުން ފެނުނު މާލި ހަރަކާތުގައި ވަރަށް ތުއްތު ކުދިން ވެސް ވަނީ ބައިވެރިވެފަ އެވެ. މި ހަރަކާތް ވެގެން ދިޔައީ އެ ރަށަށް އީދު ކުޅިވަރު ބަލާލަން ގޮސް ތިބި ފަރާތްތަކަށާއި ޓީވީ އިން އީދު ކުޅިވަރު ބަލަމުން ދިޔަ މީހުންނަށް ވެސް ވަރަށް ގަޔާވާ ކަހަލަ ހަރަކާތަކަށެވެ.

ދެން އެއަށް ފަހު އޮތީ ދަފި ނެގުމުގެ ހަރަކާތެވެ. މިއުނިކް ކަންމަތިން ފެށި އެ ހަރަކާތަކީ އެ ރަށުގެ ދެ ޖިންސުގެ ހުނަރުވެރި ފަންނާނުންތަކެއް ގެނެސްދިން ފުރިހަމަ ހަރަކާތެކެވެ. ކަމަދޫގެ ދަފި ނެގުމުގެ ހަރަކާތަކީ ކޮންމެ އަހަރަކު ވެސް ވަރަށް ފާހަގަކޮށްލެވޭ ހަރަކާތެކެވެ.