ހުރިހާ ދިވެހި ޙާޖީން ވަނީ ޢަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކުރިން މިނިސްޓަރު ވިދާޅުވީ އެއްމެ ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާ ދެވެމުންދާ ކަމަށެވެ. އެ ހައްޖުވެރިޔާ ވެސް އަރަފާތަށް ގެންދެވޭނެ ކަމަށާއި ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އޭނާ އާއެކު  ހަރަކާތްތެރިވެ އެހީތެރިވަމުން ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ. އަދި ހުރިހާކަމެއް ވެސް ރަނގަޅު ކަމަށާއި ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެކަމުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެ ޙާޖީވެސް މިިހާރު ވަނީ އަރަފާތުގައި ކަމަށެވެ. 

ހައްޖު ކޯޕަރޭޝަނުން ބުނީ ޢަރަފާތުގައި ވެސް ދިވެހީން ތިބޭ ސަރަހައްދުގައި ދިވެހިންނަށް އިންތިޒާމުތައް މިދިޔަ އަހަރަށްވުރެ ފުރިހަމަކުރުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. 

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވެސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ހައްޖާޖީން ހައްޖަށް މިމަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު ފުރާފައިވާއިރު، ހުރިހާ އިންތިޒާމެއް ވަރަށް ފުރިހަމަ އަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ހުރިހާ ހައްޖާޖީންނަށް ވެސް މައްކާއިން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.