އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކަށް ނުހަދާހާ ދުވަހަކު ރަނގަޅެއް ނުވާނެ ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. 

އަލީ ހުސައިން މިހެން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެފައިވާ ކަމަށާއި، ކޮމިޝަން އުވާލައި، އެންމެ ކޮމިޝަނަރެއް ބަހައްޓަން ފެނިލައްވާކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ޕޯސްޓެއް ހިއްސާ ކުރެއްވުމަށްފަހުގަ އެވެ.

އޭސީސީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެގެން ނަތީޖާއެއް ނުނެރެވޭކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، މިހާރު ކޮމިޝަނުގެ ރައީސަކަށް ހުންނެވީވެސް އެ އިރެއްގައި އޮންނަ ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭނެ މީހެއް ކަމަށެވެ.

އެކަމުގެ މިސާލެއްގެ ގޮތުން ޝަމީމް ވަނީ ނިޒާމުން ބޭރުން، އެއްވެސް ހަމައެއް ލަމައެއް ނެތި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ހައިޖާނުގައި އޭސީސީއިން އަދާކުރި ދައުރަށް އަލިއަޅުވާލައްވާފައެވެ. 

އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ގޮތަށް، އެންޓި ކޮރަޕްޝަން ކޮމިޝަންގައި 5 މެމްބަރުންގެ ބަދަލުގައި އެންމެ ކޮމިޝަނަރެއް ހުރުން މާ ރަނގަޅުވާނެކަމަށް ޝަމީމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އަލީ ހުސައިން ވިދާޅުވީ ކޮމިޝަނަރަކީ ރައްޔިތުންގެ މަޖިލީހުން ހޮވާ މީހެއްގެ ގޮތުގައި އޮތަސް އަންނާނީ ހަމަ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މީހާ ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ މަޖްލިސް ފެންނަނީ ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޝަމީމްގެ ބްލޮގްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވީ މިނިވަން މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުން، ޙައްޤުން ކަމަކާ ނުލައި ވަކިކުރުމުގެ ސަގާފަތަށް ވެސް މި ނިޒާމުގެ ތެރެއިން ބަދަލު އަންނާނެ އެވެ. އަދި  ކޮމިޝަނަރު ވަކި ކުރެވޭނީ، އޭނާ އިންޓަވިއުގައި ހުށަހެޅި ޕްރޮޕޯޒަލުގައި ހުރި ކަންތައްތަކުގެ ތެރެއިން ނުކޮށް ދޫކޮށްލި، ނުވަތަ ކާމިޔާބު ނުކުރެވުނު ވަކި ކަމެއް ދެއްކުމަށް ފަހު، އެކަމާބެހޭ ގޮތުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހު ކަމަށް ވާންވާނެކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. 

ޝަމީމް ވަނީ  މާނަހުރި ގޮތެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާން ބޭނުންނަމަ އަދި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުން ނަތީޖާ ނެރެން ބޭނުންނަމަ، ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާގެ އަލީގައި، މަތީގައި އޮތް ގޮތަށް ނިޒާމު ބަދަލުކޮށްގެން ނަތީޖާ ނެރެވިދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.