މި ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ގެސްޓްހައުސް ވިޔަފާރީގައި އެންމެ ބޮޑަށް ކުރިއަރާފައިވާ މާލެ އަތޮޅު މާފުއްޓަށް އެމަނިކުފާނު ވަނީ މިފަހުން ޒިޔާރަތް ކުރައްވާފަ އެވެ. 

އެ ޒިޔާރަތަށް ފަހު ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރީގައި އެތައް ސަތޭކަ ކޮޓަރިއާ އެކު، މާފުށި އެދަނީ އިގްތިސާދު ވަރުގަދަ ރަށަކަށް ބަދަލުވަމުން ކަމަށެވެ.

ފައިސަލް ވިދާޅުވީ އެރަށުން ދައުލަތަށް އެތައް މިލިޔަން ޑޮލަރެއް ޓެކްސްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް އަންނަނީ ލިބެމުން ކަމަށާ މާފުއްޓަކީ، ގެސްޓް ހައުސްގެ ވިޔަފާރިން ރާއްޖޭގެ ރަށް ތަކަށް އިގްތިސާދީ ކުރި އެރުންތައް ގެނެވޭނެ ކަމުގެ ޔަގީންކަން ހާމަކޮށްދިން ރަށެއް ކަމަށެވެ.  

‏އެހެންކަމުން ގެސްޓް ހައުސްގެ މި ވިޔަފާރީގައި ދިވެހީން ކުރިއަރައި ދިޔުމަށްޓަކައި ފުރުސަތުތައް ފަހިކޮށް، ވިޔަފާރި ހިންގުމަށް ފަސޭހަ ވާނޭ ގޮތަށް ސަރުކާރުން ސިޔާސަތުތައް ބައްޓަން ކޮށްދޭން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ އެދިފަ އެވެ. 

މި ހީނަރުކަމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމަށްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އެޖެންޓުންނަށެވެ. މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ގިނަ އަދަދެއްގެ ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު އޮތްކަން މަޓާޓޯއާއި އެންއެޗްޖީއޭއެމްއިން ވަނީ ހާމަކޮށްފަ އެވެ.

އެހެންކަމުން، ސަރުކާރާއި މާލީ އިދާރާތައް ގުޅިގެން މި ސިނާއަތް ހަމައަކަށް އެޅުވުމަށްޓަކައި ކުއްލި އެހީގެ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމިއްޔާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.