އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް ކަމށާއި، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މަޖިލީހުގެ މެމްބަރު މީކާއިލް ނަސީމް އަށް ތާއީދު ހޯދުމަށް އަތޮޅު ތެރެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. އެމްޑީޕީގެ ޗެއަރޕަރސަންކަމުގެ އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެން ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މީކާއިލް ނަސީމް އާއި ދެމެދު އެވެ.
އޭގެ ތެރެއިން މީކާއިލް އަކީ ޕާޓީ ކުރިއަށް ގެންދިއުމަށް ބޮޑަށް މަސައްކަތް ކުރެވޭނެ ބޭފުޅާކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ. ދީދީ ވަނީ ރައީސް ނަޝީދަކީ ބޯޓުގެ އިންޖިނިއަރަށް ވެދާނެ ކަމަށް ސިފަކުރައްވާ ވާހަކަދައްކަވާފަ އެވެ. ނަމަވެސް މި ވަގުތު އެމްޑީޕީ އަށް ބޭނުން ވަނީ ބައިވެރިން ގޮވައިގެން ދުއްވާނެ ރަނގަޅު ޕައިލެޓެއް ކަމަށާއި އެ މީހަކީ މީކާއިލް ކަމަށް ދީދީ ވިދާޅުވި އެވެ. މިއީ އާ މީހުންނަށް ލީޑަރޝިޕުން ފުރުސަތު ދޭންވީ ވަގުތު ކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ.
"ފްލައިޓް އުފެއްދި މީހާ ނޫނި އޭގަ އިންޖިނިއަރިންގައި އުޅުުނު މީހާ ގޮަވައިގެން އެ މީހާ ކޮކްޕިޓަށް ލުމަށް ވުރެ ވިސްނަންވީ ރަނގަޅު ޕައިލެޓެއް ހޯދަން." ދީދީ ވިދާޅުވި އެވެ.
އިތުރަށް ދީދީ ވިދާޅުވީ އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުން އާއްމު މެމްބަރުންގެ ތާއީދު އޮތީ މީކާއިލް އަށްކަން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. ނަމަވެސް އެ ނޫން މަންޒަރެއް އާއްމުންނަށް ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ. ޕާޓީގެ ކުރިމަގު ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒަމާނީ ބަދަލުތަކަކަށް އެ ފަރާތްތަކުން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.