މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު ކަމަށް ފާހަގަކޮށް ކުޅުދުއްފުށީ ސިޓީގެ ދެ ކައުންސިލަރަކު ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އަށް ތާއީދުކުރެއްވުމަށް ނިންމަވައިފި އެވެ.

މީކާއިލް އަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައި ވަނީ ކައުންސިލަރ މުހައްމަދު ޝައިމަން އާއި އަކްބަރީ މުހައްމަދު އެވެ. އޭގެ ތެރެއިން ޝައިމަން ވިދާޅުވީ މީކާއިލް އަށް ތާއީދު ކުރައްވަން ނިންމެވީ މިއީ އާ ޒުވާން ޖީލަށް ފުރުސަތު ދީ ޕާޓީ ބިނާކުރަންވީ ވަގުތު ކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ.

"ޕާޓީގެ އާއްމު މެމްބަރުންނާއި އެކީގަ އިޚުލާސްތެރިކަމާއި އެކު ދެގޮތެއް ނުވެ ދެމި ހުރި މީކާއިލް އަށް ތާއީދު ކުރަން އަޅުގަނޑު ނިންމައިފިން." އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަކްބަރީ ވިދާޅުވީ 2028 އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ އެމްޑީޕީ އަކީ ތަރުތީބު ވެގެން ހިންގާ ޕާޓީއަކަށް ވެގެން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެހެންކަމަށް ވާ އިރު އެއްވެސް ބަޔަކު ޕާޓީގެ ފަހަތު ސަފަށް ޖެއްސުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަރުތީބުވެ ޕާޓީ ހިންގަން މީކާއިލް ޕާޓީގައި ހުންގާނުގައި ހުންނަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ. އަދި އެ އިންތިޚާބުގެ ކެމްޕެއިން ވަރަށް ވާދަވެރިކަމާއި އެކު ކުރިއަށް ދާކަން ފާހަގަކޮށްލެވެ އެވެ.

އ