2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 4121 މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަ ކޮށްފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކޮށްފަ އެވެ. މި ލިސްޓުގައިވާ ގޮތުން 4121 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބޭއިރު މި ބައި-އިލެކްޝަންގައި ވޯޓުލުމަށްޓަކައި ޖުމްލަ 7 ވޯޓުފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ. 

އެ ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި 2 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މާލޭގައި ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގަ އެވެ. އަދި އައްޑޫ ސިޓީގައި ވޯޓުފޮށިތައް ބަހައްޓާނީ ހިތަދޫ ސްކޫލުގަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ވޯޓާސް ލިސްޓުގައިވާ ގޮތުން މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4،114 މީހަކަށް ލިބިގެންވެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާ އަޙްމަދު ސަޢީދާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޢަބްދުﷲ ޞާދިޤެވެ. މި ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ގޮނޑި ފުރުއްވަމުން ގެންދެވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

މި އިންތިޚާބުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށްވެސް އިލެކްޝަންސް ކޮމިޝަނުން ހާއްސަ މައުލޫމާތު ސެޝަނެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ކޮމިޝަނުގެ ނަންބަރު 3004432 ނުވަތަ 3004433 އަށް ގުޅުމަށް އެ ކޮމިޝަނުން އެދެ އެވެ.