ކޮރަޕްޝަންގެ
މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެފައިވާ ކަމަށާއި، ކޮމިޝަން އުވާލައި، އެންމެ
ކޮމިޝަނަރެއް ބަހައްޓަން ފެނިލައްވާކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން
ޝަމީމް ވިދާޅުވެއްޖެއެވެ.

އޭނާ
އެހެން ވިދާޅުވީ،ބްލޮގްގައިހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޝަމީމް
ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށް އުފައްދާފައިވާ ކޮމިޝަން ފެއިލްވެފައިވާކަމަށް
އެންމެންވެސް އެއްބަސްވާ ކަމަށާއި، މިހާރު ކޮމިޝަނުގެ މަސައްކަތް ދާ ސްޕީޑުން،
މިވަގުތު ބާކީ ނުނިމި ހުރި މައްސަލަތައް ނިންމަން މަދުވެގެން 11 އަހަރު ނަގާނެކަމަށް
އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެއީވެސް މިއަހަރުން ފެށިގެން 2037 ވަނަ އަހަރާ
ހަމައަށް އައު މައްސަލައެއް ހުށަނޭޅޭނަމަކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

އޭސީސީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ 2024 ވަނަ އަހަރުގެ ތަފާސް ހިސާބު ދައްކާ ގޮތުން، މިހާތަނަށް ކޮމިޝަނުގައި ގޮތެއް ނުނިމި، ތަޙްޤީޤު މަރްޙަލާގައި އޮތް 1036 މައްސަލައާއި ޕްރިލިމިނަރީ މަރްޙަލާގައި އޮތް 2465 އާއެކު، ޖުމްލަ 3501 މައްސަލަ އެބައޮތެވެ. އަހަރަކު ކޮމިޝަނަށް ގޮތެއް ނިންމުނީ، ތަޙްޤީޤު މަރްޙަލާއިން ނިންމި 173 މައްސަލައާއި ޕްރިލިމިނަރީ މަރްޙަލާއިން ނިންމި 124 މައްސަލައާއެކު 297 މައްސަލައެވެ. މިއީ ކޮމިޝަނުގެ ސްޕީޑު ހުރި ގޮތެވެ. މާނައަކީ، މިހާރު ދާ ސްޕީޑުން، މިވަގުތު ބާކީ ނުނިމި ހުރި މައްސަލަތައް ނިންމަން މަދުވެގެން 11 އަހަރު ނަގާނެއެވެ. އެއީވެސް މިއަހަރުން ފެށިގެން 2037 ވަނަ އަހަރާ ހަމައަށް އައު މައްސަލައެއް ހުށަނޭޅޭނަމައެވެ. މިދެންނެވި 297 މައްސަލައިގެ ތެރެއިން ޝަރީޢަތަށް ފޮނުވޭވަރުވީ އެންމެ 8 މައްސަލައެވެ. ވީމާ، އޭސީސީގެ ތަޙްޤީޤީ ނިޒާމު އެއްކޮށް ފެއިލިވެފައިވާކަމީ އޭސީސީއިން ނެރުނު ތަފާސް ހިސާބުން ފެންނަން އޮތް ޙަޤީޤަތެކެވެ.
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އޭސީސީ
ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެގެން ނަތީޖާއެއް ނުނެރެވޭކަން ފާހަގަ
ކުރައްވައި ޝަމީމް ވިދާޅުވީ، މިހާރު ކޮމިޝަނުގެ ރައީސަކަށް ހުންނެވީވެސް އެ
އިރެއްގައި އޮންނަ ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭނެ މީހެއް ކަމަށެވެ.
އެކަމުގެ މިސާލެއްގެ ގޮތުން ޝަމީމް ވަނީ ނިޒާމުން ބޭރުން، އެއްވެސް ހަމައެއް
ލަމައެއް ނެތި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ހައިޖާނުގައި އޭސީސީއިން
އަދާކުރި ދައުރަށް އަލިއަޅުވާލައްވާފައެވެ.

އެހެންކަމުން
ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ގޮތަށް، އެންޓި
ކޮރަޕްޝަން ކޮމިޝަންގައި 5 މެމްބަރުންގެ ބަދަލުގައި އެންމެ ކޮމިޝަނަރެއް ހުރުން މާ
ރަނގަޅުވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަރު ހޮވާނީ ޕްރޮސިކިއުޓަރ ޖެނެރަލްވެސް ހޮވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުންނެވެ. އޭނާގެ ތިބޭނީ، އޭނާ ޢައްޔަންކުރާ ދެ ޑެޕިއުޓީންނެވެ. އެއީ ތަޙްޤީޤީ އިދާރާތަކުގެ ތަޖުރިބާހުރި ޑެޕިއުޓީއަކާއި ޕްރޮސިކިއުޝަނާއި ޤާނޫނީ ދާއިރާގެ ތަޖުރިބާހުރި ޑެޕިއުޓީއެކެވެ. އޭގެ އިތުރުން، ޗީފް އެގްޒެކެޓިވް އޮފިސަރެއް ހުންނާނެއެވެ. ކޮމިޝަނަރު ޢައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ މީހުންނަކީ ކޮމިޝަނަރުގެ ޓީމެވެ. ކޮމިޝަނުގެ ދެންތިބި މުވައްޒަފުންނަކީ އެކި އޮފީސްތަކުން ވީއްލާ ފަންނީ އަދި އިދާރީ މީހުންނެވެ.
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމް ވިދާޅުވި
ގޮތުގައި މިނިވަން މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުން، ރައްޔިތުންގެ
މަޖިލީހުން، ޙައްޤުން ކަމަކާ ނުލައި ވަކިކުރުމުގެ ސަޤާފަތަށް ވެސް މި ނިޒާމުގެ
ތެރެއިން ބަދަލު އަންނާނެއެވެ. އަދި  ކޮމިޝަނަރު ވަކި
ކުރެވޭނީ، އޭނާ އިންޓަވިއުގައި ހުށަހެޅި ޕްރޮޕޯޒަލުގައި ހުރި ކަންތައްތަކުގެ
ތެރެއިން ނުކޮށް ދޫކޮށްލި، ނުވަތަ ކާމިޔާބު ނުކުރެވުނު ވަކި ކަމެއް
ދެއްކުމަށް ފަހު، އެކަމާބެހޭ ގޮތުން ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަށްފަހު ކަމަށް
ވާންވާނެކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ
 މާނަހުރި ގޮތެއްގައި ކޮރަޕްޝަނާ
ދެކޮޅަށް މަސައްކަތްކުރާން ބޭނުންނަމަ އަދި ކޮރަޕްޝަންގެ މައްސަލަތަކުގެ
ތަޙްޤީޤުން ނަތީޖާ ނެރެން ބޭނުންނަމަ، ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާގެ
އަލީގައި، މަތީގައި އޮތް ގޮތަށް ނިޒާމު ބަދަލުކޮށްގެން ނަތީޖާ ނެރެވިދާނެކަމަށްވެސް
ވިދާޅުވެފައެވެ.