އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ.
ރައީސް މުއިއްޒު އާއި، އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް އެންމެފަހުން ވަޑައިގެންނެވީ 27 ޑިސެންބަރު 2025 ގަ އެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ކުރައްވާ 8 ވަނަ ދަތުރުފުޅެވެ. އެއީ ނުރަސްމީ 7 ދަތުރާއި ރަސްމީ އެއް ދަތުރުފުޅެވެ. ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންނެވީ 29 ޖޫން 2025ން 2 ޖުލައި 2025 ށެވެ.
ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވަނީ ބޭސްފަރުވާ އަށް ކަމަށް މީގެ ކުރިން އަޑުފެތުރިފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި އެއްވެސް ޖަވާބެއް ދީފައިނުވެ އެވެ. ރައީސުންގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ބައެއް އެހެން ގައުމުތަކުގައި މައުލޫމާތު އާންމުކުރި ނަމަވެސް ރާއްޖޭގައި އެކަން ކުރަމުން ނުދާތީ މިކަމުގެ ހަގީގަތް ސާފު ކުރެވިފައެއް ނުވެ އެވެ.
ރައީސްގެ ދަތުރުފުޅުގެ މުއްދަތާއި އަނބުރާ ވަޑައިގަންނަވާނެ ތާރީހާ ބެހޭ ގޮތުން ރައީސް އޮފީހުން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.