ފިތުނަ ފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ ކަމަށާއި، މިތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ސާބިތުވެ ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. 

ޕީއެންސީގެ ސެނެޓުން ރައީސް މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލައި ނުފޫޒު ކުޑަކޮށްފައިވާ ކަމަށް މީޑިއާއަކުން ރިޕޯޓު ކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމަން ރިޔާސަތުން ޕާޓީގެ ރައީސް، ރައީސް މުއިއްޒު ހުށަހަޅުއްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއް ކަމަށެވެ. 

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނުކުރެވޭނެ ކަމަށާއި، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ ކަމަށެވެ.

އަބްދުއްރަހީމް މިކަން ދޮގު ކުރެއްވިއިރު، ޕީއެންސީގެ ސީނިއާ ބައެއް މެންބަރުންނާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ފަހުން ޕީއެންސީން ބޭއްވި ސެނެޓު ބައްދަލުވުމުގައި ރައީސް މުއިއްޒު ހުށަހެޅުއްވީ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށެވެ. ނަމަވެސް، ސެނެޓުގެ އަގުލަބިއްޔަތުން ރައީސް މުއިއްޒުގެ މި ހުށަހެޅުއްވުމަށް ތާއީދެއް ނުލިބުނު ކަމަށެވެ. އަދި މި ބައްދަލުވުމުގައި ސެނެޓުން ނިންމީ ކޮންގްރެސްގެ ކަންކަން ނިންމުމުގައި ހަމައެކަނި ލީޑަޝިޕަށް ބާރު ދިނުމުގެ ބަދަލުގައި، އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށެވެ.

އެހެންކަމުން މިއީ ރައީސް މުއިއްޒުގެ ހުށަހެޅުމެއް ފާސްނުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައިވެ އެވެ.