އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި މިހާވަރަށް
މަސްލަހަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ
އިންތިޚާބު ކާމިޔާބު ނުވާނެކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ މަސްލަހަތާ
ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

މޫސާ މަނިކު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި
މިހާވަރަށް މަސްލަހަތު ގޯސްވެގެންދާ މަންޒަރު މީގެ ކުރިން ފެނިފައިނުވާ ކަމަށެވެ. އަދި
އެމްޑީޕީއަކީ އަބަދުވެސް ދައުލަތާއި ސަރުކާރު ހިންގުމުގައި އިންތިޚާބު ކުރެވިފައި ތިބޭ
މީހުން ތިބެންޖެހޭނެ ކަމަށް ވަކާލާތުކުރާ ޕާޓީއަކަށްވާއިރު، ޕާޓީގެ އެތެރޭގެ މަގާމުތަކުގައިވެސް
ތިބެންޖެހޭނީ އާންމު މެންބަރުން އިންތިޚާބުކޮށްފައި ތިބޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ލީޑަޝިޕްގެ ތެރެއަށް ވަކި ބަޔަކު ނެގުމާ
ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރައްވާފައިވާތީ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ފަދަ ބޭފުޅުން ބައިތިއްބައިގެން
މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، ކުރީގެ ޗެއާޕާސަނުންނާއި
އެކި މީހުން ވަކިވަކިން ނަގާނަމަ، އެންމެންނަށް އެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް
އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން އަބަދުވެސް ބުނަމުން ގެންދިޔައި ދައުލަތް ހިންގަންވެސް އަދި ސަރުކާރު ހިންގަންވެސް ތިބެންޖެހޭނީ އިންތިޚާބު ކުރެވިފައި ތިބޭ މީހުންނޭ، އެ އަސާސް އެމްޑީޕީން މިއޮއް ހުރިހާ ދުވަހަކު ހިފަހައްޓައިގެން މި އަންނަނީ، އެހެންވީއިރު އެމްޑީޕީގެ އެތެރޭގައިވެސް ހަމަ ތިބެންޖެހޭނީ އިންތިޚާބު ކުރެވިފައި ތިބި މީހުން. ދެން އިންތިޚާބު ކުރުމުގައި އަޅުގަނޑުމެންނަށް މި ފަހުން އައިސް ކުރެވުނު ގޯސް ކަމަކުން ކަންނޭނގެ މި އުޅެނީ މިކަން ދިމާވެގެން، ޕާޓީގެ ޤައުމީ މަޖިލިސް އެއީ އިންތިޚާބު ކޮށްފައި ތިބި މީހުންތަކެއް، އެމީހުންގެ މެދުގައި ވާހަކަ ދެކެވިގެން އެއްބަސްވެގެން ކަންކަން ނުނިންމޭވަރުގެ ބަޔަކު ދެން މިވަރުގެ ޕާޓީއަކާ ޙަވާލުވެގެން ތިބީމާވެސް ކަމަކު ނުދާނެހެން އަޅުގަނޑަށް ހީވަނީ، އެމީހުންނަށް ނުނިންމިގެން އެބަ ނަގާ އަނެއްކާ ލީޑަރުންގެ ބައެއް، މިސާލަކަށް ލީޑަރުންގެ ބަޔަކު ނެގިއިރު ރާއްޖޭގެ ވެރިކަން ކޮށްފައި ތިބީމާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުއާ ރައީސް ނަޝީދުއާ ބަހައްޓައިގެން މަސައްކަތް ކޮށްގެން ތިބުމަކީ އަޅުގަނޑަށްވެސް ރަނގަޅު ކަމެއް، ނަމަވެސް ކުރީގެ ޗެއަރޕަރސަން ކަން ކޮށްފައި ތިބި މީހުންނާ، އެކި މީހުން ނަގަންޏާ އެންމެން ނަގަންވީ.

މޫސަ އިތުރަށް ވިދާޅުވީ މިހާރު ކަންކަން ވަމުންދާ
ގޮތުން އެމްޑީޕީއަކީ ވަކި ބައެއްގެ މައްޗަށް އޮންނަ ޕާޓީއެއްގެ ގޮތުގައި އާންމު މެންބަރުންނަށް
ސިފަވަމުންދާ ކަމަށެވެ. މިކަމުގެ ހައްލަކީ މިހާރުން މިހާރަށް ޕާޓީގެ ގައުމީ މަޖިލިސް
ބާއްވައި، އިންތިޚާބު ކުރެވިފައި ތިބި މެންބަރުންގެ މެދުގައި މަޝްވަރާކޮށްގެން ކަންކަން
ނިންމުން ކަމަށް އޭނާ ވިދާޅުވިއެވެ. ގައުމީ މަޖިލީހަކީ އިންތިޚާބުކޮށްފައި ތިބި ބަޔަކަށްވާއިރު،
އެ މީހުންނަށް ކަންކަން ނުނިންމިގެން އިތުރު ލީޑަރުންތަކެއް ނަގަންޖެހުމަކީ ގަބޫލުކުރެވޭނެ
ކަމެއް ނޫން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ޕާޓީގެ ތެރޭގައި މިހާރު އޮތް ހަމަނުޖެހުންތަކަށް
އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ، މިހާރު ފެންނަނީ ދެ ފަރާތުންވެސް ބަދަލުހިފުމުގެ
ރޫހެއްގައި މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. މިފަދަ ރޫހެއްގައި ޕާޓީގެ ކަންކަން
ކުރިއަށްދާނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމުގެ
އިންޒާރުވެސް މޫސާ މަނިކު ވަނީ ދެއްވާފައެވެ.

 ޕާޓީގެ އާންމު މެމްބަރުންނަށްވެސް މި ދައްކައިދެނީ އެމްޑީޕީއަކީ ވަކި ބައެއްގެ މައްޗަށް އޮންނަ ޕާޓީއެކޭ، އޭގެ ބަދަލުގައި އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅު ގޮތަކަށް ވާނީ މިހާރުން މިހާރަށް ޤައުމީ މަޖިލިސް ބާއްވާފައި ޤައުމީ މަޖިލީހުން އިންތިޚާބު ކުރެވިފައި ތިބި މީހުން ކަންކަން ކުރުން، ޤައުމީ މަޖިލީހުގައިވެސް ތިބެންޖެހޭނީ އެމްޑީޕީގެ އާންމު މެމްބަރުން އިންތިޚާބު ކޮށްފައި ތިބޭ މީހުންކަމަށް އަޅުގަނޑު ދެކެނީ. މިހާރު މި ފެންނަނީ ދެފަރާތުންވެސް ބަދަލު ހިފުމުގެ ރޫހުގައި އުޅޭތަން، އެހެން އުޅެގެން 2028 ގެ އިންތިޚާބުވެސް ކާމިޔާބެއް ނުވާނެ.

ޖުމުލަ ގޮތެއްގައި މޫސަ ވަނީ އެމްޑީޕީގެ އެތެރޭގެ ތަޅާފޮޅުމަށް ޖާގަ ނުދީ އެތެރޭގެ އިންތިޚާބުތައް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފަ. އަދި ގުޅިގެން މަސައްކަތް
ކުރުމުގެ މުހިއްމުކަން ވެސް މޫސަ ވަނީ ފާހަގަ ކުރައްވާފަ.