އިދިކޮޅު އެމްޑީޕީ ގެ ކުރިއަށް އޮތް ޗެއާޕަސަން އިންތިޚާބު ގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
މިކަމަށް ހުޅުވާލައި އެމްޑީޕީ އިން ބުނީ ވޯޓަރސް ލިސްޓަށް ހުށަހެޅުނު ޝަކުވާ އާއި ރީ-ރަޖިސްޓްރޭޝަން އާއި ގުޅިގެން ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި މަހުގެ 27 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަން ފާހަގަކޮށް އެ ޕާޓީ އިން ބުނީ ކުރިން ހުށައަޅާފައިނުވާ އާ ޝަކުވާ މި ފުރުސަތުގައި ބަލައިނުގަންނާނެ ކަމަށެވެ.
މި އިންތިޚާބު ގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެމްޑީޕީ އިން ބުނީ 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ މާލޭގައި ވޯޓުފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ވޮލަންޓިއަރކޮށް، އިލެކްޝަން ކޮމިޓީއަށް މި މަސައްކަތް ކޮށްދިނުމަށްއެދޭ ޕަޓީގެ މެންބަރުން ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 30 މެއި 2026 ގެ 14:00 ގެކުރިން ހުށަހެޅުމަށެވެ.
މި މެންބަރުން ވާންވާނީ ކެންޕޭންގަ އަމަލީގޮތުން ނޫޅޭ މެންބަރުން ކަމަށާއި، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ މަރުކަޒުތައް ކަނޑައަޅާނީ އިންތިޚާބާއި ބެހޭ ކޮމިޓީން ކަމަށް ވަނީ ބުނެފަ އެވެ.
12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ ކޮމްޕްލެއިންސް ކޮމިޓީ އިންތިޚާބާއިބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބާއި ބެހޭ ކޮމިޓީ އިން ވަނީ އިންތިހާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލައި އިއުލާންވެސް ކޮށްފަ އެވެ.
މި މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.