ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ރާއްޖެއިން ޑީޕޯޓް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލުކޮށްފި އެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ، ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް-1 އަކުން ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

ފުލުހުން ބުނީ، މެއި 24 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ދަބަސްތަކުގެ ތެރެއިން، 22 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ބިލާލް މިއާ (34އ) އާއި، އެމްޑީ ޓެންވާ ރަޙްމާން އެންޓޯ (20އ) އެެވެ. މި ދެމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފެރީޓާމިނަލް ކައިރިން ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ވެސް ރާއްޖެއިން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.