ވެރިކަން
ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެނެޓުން ރައީސް ޑރ މުޙައްމަދު
މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލާފައިވާކަމަށް ދެކެވޭ ވާހަކަތައް ޕާލިމެންޓްރީ ގްރޫޕްގެ
ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ދޮގު ކުރައްވައިފިއެވެ.

ކުރިއަށް
އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ
ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމުގެ
ފުރުސަތު ދޭން މުއިއްޒު ސެނެޓަށް ހުށަހެޅުއްވިކަމަށް "އަދަދު" ނޫހުން
ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ސެނެޓުގެ އަގުލަބިއްޔަތުން މުއިއްޒުގެ މި
ހުށަހެޅުއްވުމަށް ތާއީދު ލިބިފައިނުވާ ކަމަށާއި، މިއީ ރައީސް މުއިއްޒުގެ
ހުށަހެޅުމެއް ސެނެޓުން ފާސްނުވެ ދިޔަ ފުރަތަމަ ފަހަރުކަމަށްވެސް ވަނީ ރިޕޯޓު
ކޮށްފައެވެ.

އެހެންނަމަވެސް،
އެކަން ދޮގު ކުރައްވައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ،
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް
ޕީއެންސީ ސެނެޓްގައި އަދި ލީޑަރޝިޕްގައި ވެސް ނުހިނގާނެ ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ޕާޓީގެ މެމްބަރުން ވަރަށް ލޯބިވާ
އަދި އިތުބާރުކުރާ ބޭފުޅެއްކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު
ވިދާޅުވީ، އަބަދުވެސް ރައީސް މުއިއްޒު އިސްކުރައްވަނީ ޕާޓީގެ އަސާސީ ޤަވާއިދާއި ހެދިފައިވާ
އުސޫލުތަކާއި މަޝްވަރާގެ ރިވެތި ސިފަ ކަމަށެވެ. އަދި ޕީއެންސީ ސެނެޓް ބައްދަލުވުމުގައި
ރައީސް މުއިއްޒު ވަކި ކަމެއް ވަކި ގޮތަކަށް ކުރައްވާކަށް ހުށަނާޅުއްވާ ކަން ފާހަގަ
ކުރައްވައި ފަލާހު ވިދާޅުވީ، މުޅި ބައްދަލުވުމުގައި ވެސް ހުރިހާ ކަމެއް ވެސް ހުށަހެޅުއްވީ
ސެނެޓް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް ކަމަށެވެ.

ނޫސްތަކުން
ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ސެނެޓުން ނިންމީ ކޮންގްރެސްގެ ކަންކަން
ނިންމުމުގައި ހަމައެކަނި ލީޑަޝިޕަށް ބާރު ދިނުމުގެ ބަދަލުގައި، އާންމު
މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށެވެ.

މި ދަނޑިވަޅަކީ ޕީއެންސީގެ މެމްބަރުންގެވެސް ތާއީދާއެކު ރައީސް މުއިއްޒު ވެރިކަމުން ދުރުކުރާނެކަމަށް އިދިކޮޅު އެމްޑީޕީން ބުނަމުންދާ ދަނޑިވަޅެއްކަން ފާހަގަކުރެވެއެވެ.