ސިނަމާލެ ބްރިޖުމަތީގައި ހޯމަ ދުވަހުގެ ހެނދުނު އެމްޓީސީސީގެ ޓެކްސީއަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މަންޒަރު ދުށް ފަރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:10 ހާއިރުއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއަށް ދަތުރުކުރި މަގުމަތީގައި، ބްރިޖުގެ އެންމެ އުސް ހިސާބުންނެވެ.
މި ހާދިސާގައި ޕިކަޕް އައިސް ޖެހިފައިވަނީ އެމްޓީސީސީގެ ޓެކްސީގަ އެވެ. އަދި ޓެކްސީ ގޮސް އިތުރު ވެހިކަލެއްގައި ވަނީ ޖެހިފައެވެ. މި އެކްސިޑެންޓްގެ ސަބަބުން އެމްޓީސީސީގެ ޓެކްސީއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކާރުގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް، އެކްސިޑެންޓާ ގުޅިގެން ބްރިޖުގެ ޓްރެފިކަށް ވަނީ ބާރުބޮޑުވެފައެވެ.
ފުލުހުން މިހާރު ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.