ހުޅުމާލެ ފޭސް1 ގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް، ބައެއް ގައިދީން އެތަނަށް ބަދަލު ކޮށްފި އެވެ.
މި އިމާރާތް ހުންނަނީ ކްރިމިނަލް ކޯޓާ އިންވެގެން، ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގަ އެވެ.
ކަރެކްޝަންސް އިން ބުނީ، ކޮވިޑް ފެސިލިޓީ ހުރި ތަނުގައި އަލަށް އިމާރާތްކުރާ އިމާރާތުގައި 140 މީހުންގެ ޖާގަ ލިބޭނެ ކަމަށެވެ. އަދި ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބްލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި، ފުރަތަމަ ބެޗްގެ 16 ގައިދީން ހޮނިހިރު ދުވަހު އެ ޔުނިޓަށް ބަދަލު ކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
މިއީ ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ގައިދީން ބޭތިއްބުމަށް، ހޯލްޑިންގ ސެލްތައް އެކުލެވޭ ގޮތަށް އޭސީ އާއެކު އިމާރާތް ކުރެވޭ ޔުނިޓެއް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
ކަރެކްޝަންސް އިން ބުނީ، މި މަސައްކަތުގެ ގުރައުންޑް ފޮލޯރގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއްލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވާނެ ކަމަށެވެ.
މީގެ އިތުރުން ކަރެކްޝަންސް އިން ބުނީ، މިހާރު ޚިދުމަތް ދެމުން ގެންދަނީ ޖާގައިގެ އަދި ލޮޖިސްޓިކްސްގެ ދަތިކަމާއި، މޫސުމީ ދަތިތަކާއެކު އޮފިސަރުންގެ ރިސްކް ބޮޑު ބުރަ މަސައްކަތާއެކު ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގައި ހުރި މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން، ޖަލުގެ ޖާގައިގެ ދަތިކަން ކުރިމަތިވި އެވެ. އެއާއެކު މިހާރު ޖަލުތަކުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.