އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މަޖިލީހުގެ މެމްބަރު މީކާއިލް ނަސީމް އަށް ތާއީދު ހޯދުމަށް އަތޮޅު ތެރެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. އޭނާ ވިދާޅުވީ އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުން އާއްމު މެމްބަރުންގެ ތާއީދު އޮތީ މީކާއިލް އަށްކަން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. ނަމަވެސް އެ ނޫން މަންޒަރެއް އާއްމުންނަށް ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ. ޕާޓީގެ ކުރިމަގު ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒަމާނީ ބަދަލުތަކަކަށް އެ ފަރާތްތަކުން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.
"ރ. އަތޮޅުން ފެށިގެން މި ދަތުރުކުރަނީ. މީކާއިލް އަށް ތާއީދު ވަރަށް ބޮޑު. ފެންނަމުންދާ މަންޒަރާއި ހިލާފަށް ބަޔަކު ދައްކާ ވައިބާއި ޚިލާފަށް ޒުވާން މެމްބަރުން ބޭނުމީ ލީޑަރޝިޕަށް ބޮޑު ބަދަލެއް އައުން." ދީދީ ވިދާޅުވި އެވެ.
ދީދީ އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދާ ޗެއަރޕަރސަންގެ އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގެ ކެމްޕެއިން އެއް ގޮތަށް ބަޔަކު ދައްކަމުންދާ ކަމަށެވެ. އެ ވާހަކަ ވެސް އާއްމުން ދައްކަމުންދާ ކަމަށް ދީދީ ވިދާޅުވި އެވެ. ހަގީގަތުގައި ޕާޓީގައި ޗެއަރޕަރސަން އަށް ހޮވަން އުޅޭ އިރު އެ ކަމާއި މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މީކާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދެމެދުގަ އެވެ. މި އިންތިޚާބު އޮންނާނީ އަންނަ ޖޫން މަހު އެވެ.