ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ދޫކޮށްލުމަށް ގޮވާލާ އަޑު ސަރުކާރަށް ނީވެނީ ބީރު ވީމަ ކަމަށް ޝަހުޒާންގެ ބައްޕަ، އަހުމަދު ޝާޒް (ތަޖޫބެ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި ޝަހުޒާން ދޫކޮށްލުމަށް ގޮވާލާ އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގަ އެވެ.

އެ މުޒާހަރާގައި ޝާޒް ވިދާޅުވީ ސަރުކާރުން ނޫސްވެރިޔާ ޝަހުރާޒް ދޫކޮށްލުމަށް ގޮވާލުމުން އެ އަޑު ނީވޭ ކަމަށް ހަދަމުންދާ ކަމަށެވެ. މިއަދު ޝަހުޒާން އަށް ދިމާވެފައިވާ ހާލަތަކީ މާދަމާ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ހާލަތެއް ކަަމަށާއި ނޫސްވެރިކަން ކުރުމަކީ ކުށެއް ނޫން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ޝާޒްގެ އިތުރުން އެ މުޒާހަރާގައި ބައިވެރިވި އެހެން މީހުން ވެސް ވަނީ ޝަހުޒާން ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި ސަރުކާރުން އާއްމުންގެ އަނގަ ބަންދުކުރަން މަސައްކަތް ކުރާ ވަރަކަށް އެކަމާ ދެކޮޅަށް އާއްމުން ތެދުވާނެ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފަ އެވެ.

ޚަބަރެއް ލިޔެގެންނާއި ސުވާލެއް ކޮށްގެން އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރުގެ ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ވަނީ އާދިއްތަ ދުވަހު ބަލައިގަނެފަ އެވެ.

އޭގެ ތެރެއިން ލީވާން މިހާރު މިނިވަން ވެފައިވާ އިރު ޝަހުޒާން ޖަލުގައި އޮންނަތާ އާދިއްތަ ދުވަހުގެ ނިޔަލަށް 12 ދުވަސް ވަނީ ވެފަ އެވެ.