ކޯޓުން ބޭރުގައި ހިނގާ ކަމަކަށް ކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރެއް ނެރެވިދާނެ ކަަމަށް ގަބޫލު ނުކުރެވޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ކޯޓުގެ ހުރުމަތް ނަގާލުމުގެ ބަޔަކީ ނުވަތަ ގެގް އޯޑަރ އަކީ ކޯޓުގެ ތެރޭގައި ހިނގާ ކަންތައްތައް ހިފެހެއްޓުމަށް އޮންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ޝަރީއަތުގެ މައްސަލައިގެ އަސްލު އޮޅޭ ގޮތަށް ރިޕޯޓް ކުރެވިފައިވާ ނަމަ ނުވަތަ ވަކި ގޮތަކަށް ވިސްނައިދިނުމަށް މަސައްކަތް ކުރާ ނަމަ އެފަދަ އަމުރެއް ނެރެވިދާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. 

ފަނޑިޔާރުންނާއި އިލްމުވެރިން ވެސް އެންމެ ދުވަހަކަށް ވެސް މީހުންގެ މިނިވަންކަން ގެއްލޭ ގޮތަށް އަމުރެއް ނެރުމާއި ޚިލާފު ކަމަށް ޖަމީލް ވަނީ ވިދާލުވެފަ އެވެ. މިއީ ދައުލަތަކުން އާއްމު ފަރުދަކާއި ދިމާއަށް އައުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"އެކަން އެބަ އެނގޭ ގަވާއިދުން ވެސް. އެ ގަވާއިދުގައި ކޯޓުގައި ހިނގާ ކަމަކާއި މެދު ފަނޑިޔާރަށް އަމުރެއް ނެރެވިދާނެކަމަށް ބުނާ އިރު ކޯޓުން ބޭރުގައި ހިނގާ ކަމަކާ މެދު ދައުލަތުން ދައުވާ ކުރާ ގޮތަށް މި އޮންނަނީ. އަދި ވަރަށް ސްޕެސިފިކް ކޮށް ވަކި މީހަކަށް ނޫނީ ބަޔަކަށް މި އޮންނަނީ. އެ އޮންނަނީ އާއްމުކޮށް ހުޅުވާލެވިފަ އެއް ނޫން." ޖަމީލް ވިދާޅުވި އެވެ.

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނީ މޭއި މަހުގެ 10 ވަނަ ދުވަހު އެވެ.