ރާއްޖޭގެ އެކި ހިސާބުތަކުގައި ބަލިތައް ފެތުރުން އިތުރުވަމުންދާއިރު ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް، ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ. 

އެޗްޕީއޭ އިން ބުނީ، މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ އާއްމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވަމުންދާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. 

މީގެ އިތުރުން މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާތީ، މިފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމުކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެހެންކަމުން ދަތުރުފަތުކުރުކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން ވަނީ ހިއްސާ ކޮަށްފަ އެވެ.

އެގޮތުން ހުންއައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އޭގެ އިތުރުން ބަލިޖެހިގެން ހާލަތުގޯސް ވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ދާއިރު މާސްކް އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް އެދިފައި ވެ އެވެ.

އެޗްޕީއޭ އިން ބުނީ ހިމަބިހި އަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް، އަދި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ، ބަންދު ތަންތަނުގައި އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެ ހެން މާސްކުއެޅުމުގެ އިތުރުން ސައިބޯނި ލައިގެން ރަނގަޅަށް އަތޮ ދޮވުން ނުވަތަ ސެނިޓައިޒްކުރުން މުހިއްމު ކަމަށެވެ.

ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.