ފަތުރުވެރިން މަދުވުން އެކަމުގެ އަސަރު ސަރުކާރަށް ވުރެ ބޮޑަށް ކުރާނީ މުޅި އެ ސިނާއަތަށް ބަރޯސާވެގެން ތިބޭ އެތައް އާއިލާތަކަށް ކަމަށް ރިސޯޓް ލައިފް މޯލްޑިވްސްގެ ވެރިޔާ އަދި މަޓާޓޯގެ ނައިބު ރައީސް ޝާޒް ވަލީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާޒް ވިދާޅުވީ މި ދައްކަނީ 150،000 އަށް ވުރެ ގިނަ އަދަދެއްގެ ޓޫރިސްޓުން މަދުވެގެން އެ ވާހަކަ ކަމަށެވެ. އަދިވެސް މި ކްރައިސިސް މެނޭޖްކުރާކަށް މި ސަރުކާރުން އެއްވެސް ކަހަލަ ކަމެއް ކުރާތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ޕްރެސް ރިލީޒްތަކާ މީޑިއާގައި އެ ބޭފުޅުން ދައްކަވާ ވާހަކަތައް ފެންނަމުންދާ ކަމަށާ ނަމަވެސް މި މައްސަލައަށް ހައްލެއް ހޯދުމަށް އަމަލީ ސިފައެއްގައި މަސައްކަތް ކުރާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިހާރު ވިސްނަވާ 150،000 ފަތުރުވެރިން މިދިޔަ ޕީރިއަޑެއްގައި ރާއްޖެއަށް ދުވާލަކު އެރައިވަލް ތެރެއިން މަދުވެގެން ދާ ކަމަށް ވާނަމަ އެ ބާރު ކުރަނީ ދިވެހިރާއްޖޭގެ އިގްތިސާދަށް. މަނިޓަރީ އަށް ހުރިހާ ގެއްލުމެއް އެ ވަނީ. މި ފަތުރުވެރިންނަށް ބަރޯސާވެގެން އެބަތިބޭ އެތައް އާއިލާތަކެއް. މިދެންނެވީ މިސާލަކަށް މާފުއްޓަށް ބަލާލިއަސް އަދި ކައިރީގައި ގެސްޓްހައުސްތައް ހިންގާ ރަށްތަކަށް ބަލާލިއަސް އަދި ގެސްޓް ޝޮޕްތައް ހިންގާ ކުދިކުދި، މެދު އަދި އެންމެ ކުދި ވިޔަފާރި ކުރާ މީހާ އަށް، އައްޑުއަތޮޅު ބޮނޑި، ބޮޑި ހަދާ މީހާ އަށް ވެސް މީގެ އިފެކްޓް އެބަ ކުރޭ. ވާގޮތަކީ އެއާޕޯޓަށް ބޮނޑި ގަނެގެން ގެސްޓުން އެބަ ގެންދޭ ބޭރަށް. އެ ބޮނޑިކޮޅު ގަންނާނެ މީހާ ނެތީމާ ކިހިނެއްތޯއޭ އެ ބޮނޑިކޮޅު ހަދާނީ. 
ރިސޯޓް ލައިފް މޯލްޑިވްސްގެ ވެރިޔާ އަދި މަޓާޓޯގެ ނައިބު ރައީސް ޝާޒް ވަލީދު

ޝާޒް ވިދާޅުވީ މި ކަންކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާ އެތައް އާއިލާތަކެއް އެބަތިބި ކަމަށެވެ. އެގޮތުން ސިނާއަތުގައިވާ ކުދިކުދި ކަންކަމަށް ބަރޯސާވާ ބައެއް އާއިލާތަކަށް ކަރަންޓު ބިލުވެސް ދެއްކޭނެ ގޮތެއް މިއަދު ނެތް ކަމަށާ ފަތުރުވެރިން މަދުވުމުން އެތައް ގޭބިސީއަކަށް އަސަރު ކުރަމުންދާ ކަމަށެވެ. 

އޭގެ އިތުރުން އެހެން ސިނާއަތްތަކަށް ބަލާއިރު ދަނޑުވެރިކަމުގެ ސިނާއަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާކަމަށާ ދަނޑުވެރިން ރިސޯޓުތަކަށް ފޮނުވާ މުދާތައް ވެސް ނުވިކޭއިރު ލިބެމުންދަނީ ހުސް ގެއްލުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އެރި ބުރޫތަކާއެކު، ރާއްޖެ ޒިޔާރަތްކުރަމުންދާ ފަތުރުވެރިންގެ އިންސައްތަ އަދިވެސް ދަށަށް ދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ  ތަފާސްހިސާބުތަކުން ވެސް ވަނީ ދައްކާފަ އެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ އެދިފަ އެވެ.