ރާއްޖޭގައި
އާންމުވެފައިވާ ބޭސް ނުލިބުމުގެ މައްސަލައަށް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި
ފުރިހަމަ ހައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު
މުޢިއްޒު ދެއްވައިފިއެވެ.
ބުރާސްފަތި
ދުވަހުގެ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް"
ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ، ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް
މެދުކެނޑުމެއްނެތި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާކަމަށެވެ. މި މައްސަލަ
ހައްލުކުރުމަށްޓަކައި ސަރުކާރުން ސްޓޭޓް ފާމާގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފައްދާފައިވާކަމަށްވެސް
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ
އެ ކުންފުނިން ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި އަންނަ
ޖުލައި މަހުގެ ނިޔަލަށް މި ނިޒާމު ވަރަށް ބޮޑަށް ހަރުދަނާ ކުރެވިގެންދާނެކަމަށް ރައީސް
ވަނީ ވިދާޅުވެފައެވެ.
ބޭސް ނުލިބުމުގެ
މައްސަލަ އަކީ ރާއްޖޭގައި ދިގު މުއްދަތަކަށް ދެމިއޮތް މައްސަލައެކެވެ. ގިނަ ބަލިމީހުން
ބޭސް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް ބޭސްތައް ފާމަސީތަކުން
ނުލިބި ދަތިވެފައިވެއެވެ. ޚާއްސަކޮށް ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތައް ނުލިބުމަކީ
ބަލިމީހުންނަށް ބޮޑު ދަތިކަމެއް ކަމަށް ވެފައިވެއެވެ.
ސްޓޭޓް ފާމާ
ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ބޭނުންވާ ބޭސްތައް ކަށަވަރުކޮށް
ފޯރުކޮށްދިނުމެވެ. މި ކުންފުނިން ބޭސް އެތެރެކުރުމުގެ މަސައްކަތް ފަށާފައިވުމުން ބޭސް
ނުލިބުމުގެ މައްސަލަ ހައްލުވެގެންދާނެކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް،
އެކަމާމެދު ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
ބޭހުގެ
ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މީގެ ކުރިންވެސް އެކިއެކި ޑެޑްލައިންތައް
ދީފައިވެއެވެ. އެގޮތުން މި ސަރުކާރުން އާސަންދަ ނިޒާމު ރީފޯމް ކުރުމަށްކަމަށް ބުނެ
ގެނައި އެކި ބަދަލުތަކާއެކު އާއްމު ގޮތެއްގައި ބޭނުންކުރާ ގިނަ ބޭސްތައް ނުލިބޭ
މައްސަލަ ބޮޑުވެ، އާންމު ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފަ
އެވެ.
ނަމަވެސް
ރައްޔިތުންގެ މިކަންބޮޑުވުންތަކަށް މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދީ ސަރުކާރުން
ދިޔައީ ބޭސް ލިބޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. މިފަހުން އިސްތިއުފާ ދެއްވި
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ތަކުރާރުކޮށް ވިދާޅުވަމުން
ގެންދެވީ ވަރަށް ބޮޑަށް މިމައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި ބޭހުގެ
މައްސަލައަށް 100 އިންސައްތަ އަށް ހައްލު ނުވާތީ ރައްޔިތުން ޝަކުވާ ކުރަނީ ކަމަށް
ވެސް ވިދާޅުވެފައިވެ އެވެ.
ބޭހުގެ މައްސަލަ ހައްލު
ކުރުމަށްޓަކައި އައު ކުންފުންޏެއް އުފައްދައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް
ސަޕްލައި ކޯޕަރޭޝަން އިން ބޭސް ވެސް ވަނީ ގެންނަން ފަށާފަ އެވެ. ނަމަވެސް،
މިހާތަނަށް މި ކުންފުނީގެ ސަބަބުން ބޭސް ލިބުމުގެ ދަތިކަމަށް އެދެވޭ ބަދަލެއް
އައިސްފައެއް ނުވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 445 ފާމަސީ ހުރި
ނަމަވެސް، ގިނަ ރަށްރަށުގެ ފާމަސީތަކުން އަސާސީ ބޭސްތައް ނުލިބުމުގެ ޝަކުވާ އަށް
ނިމުމެއް ނެތެވެ.
ސަރުކާރަށް މި ވީހާ ދުވަހު
މި މައްސަލާގައި ވެސް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރުމަށް ފަހު، މިމަހުގެ
26 ވީ އާދިއްތަ ދުވަހު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިހާރުގެ ހެލްތު
މިނިސްޓަރު ގީލާ އަލީ ވަނީ ރާއްޖެއަށް ބޭސް ލިބުމުގައި އަދިވެސް ބޮޑެތި ދަތިތަކެއް
ހުރިކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.