އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަަމަށް މުސޫމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ 27 މެއި 2026 ވާ ބުދަ ދުވަހެވެ. އަދި އީދާ ގުޅިގެން މިހަފްތާ އެއްކޮށް ސަރުކާރު ވަނީ ބަންދު ކޮށްފަ އެވެ. އެއާއެކު ގިނަ ބަޔަކު ދަނީ އެކި ރަށްތަކަށް ދަތުރު ކުރަމުންނެވެ.

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިއަންނަ ބުދަ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން މެދުރާއްޖެ ތެރެއާއި އުތުރަށް ވާރޭ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ދެކުނަށް ކުޑަކޮށް މޫސުން ރީތިވާނެ ކަމަށެވެ.

މީގެ އިތުރުން ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ހޯމަ ދުވަހުން ފެށިގެން އިތުރަށް ވައިބާރުވެ، ހުކުރު ދުވަހާ ހަމައަށް  ކަނޑުތައް ގަދަވާނެ ކަމަށް އެއިދާރާއިން ވަނީ ލަފާ ކޮށްފަ އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ހޯމަ ދުވަހުގެ ހެނދުނު 10:00ށް މޫސުން ލަފާކުރާ ގޮތާ ގުޅޭގޮތުން އެ އިދާރާއިން ބުނީ، މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރުން އެކަށީގެން ވާ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް އެ އިދާރާއިން ބުންޏެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 6 ނުވަތަ 3 ފޫޓު ހުންނާނެ ކަމަށެވެ. 

ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އަބަދުވެސް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ތަފާތު އެކިވަރުގެ ގެއްލުންތައް ލިބެ އެވެ. އަދި ފާއިތުވި 24 ގަޑިއިރު ރ.އަލިފުއްޓަށް 38.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި އއ.ހިމަންދޫއަށް 12.5 މިލިމީޓަރުގެ ވާރޭ، މާލެ އަށް 6.7 މިލިމީޓަރުގެ ވާރޭ،  ށ.ފުނަދޫ އަށް 6.2 މިލިމީޓަރުގެ ވާރޭ، ނ.މާފަރަށް 5.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމާއި، ގޭބިސީތަކަށް ފެންވަދެ، މުދަލަށް ގެއްލުން ލިބުމާއި، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. އަދި ކަނޑުމަތީގެ ވެސް ހާދިސާތައް ހިނގާ މިންވަރު އިތުރުވެ އެވެ.

އެެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުތަކަށް ދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.