ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމަށް ފާސް ކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެފައިވާތީ އެކަމަށް ކުރީގެ ރައީސް
މުޙައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

މި އަހަރު ނިމުމުގެ ކުރިން މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ
މައްސަލައެއް ފާސްކޮށްގެން ވެރިކަން ބަދަލުކުރާނެ ކަމަށް ރައީސް ނަޝީދު ވަނީ މީގެ
ކުރިން ވިދާޅުވެފައެވެ.  އެގޮތުން ރައީސް
މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މި އަހަރު ތެރޭ ވައްދާނެ
ކަމަށާއި، އަދި، އެ މައްސަލަ ވައްދާނީ ޕީއެންސީ މެމްބަރުންގެ ވެސް ސޮޔާ އެކުކަމަށް
ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، އެ ފުރުސަތު ނުދެއްވާނެކަމަށް
ވިދާޅުވެ އަބްދުއްރަޙީމް ވަނީ ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ
މައްސަލާގައި ސޮއިކުރައްވާނެ މެންބަރެއް މަޖިލީހަށް ބޭނުންވެސް ނުވާކަމަށް
ވިދާޅުވެފައެވެ.

ޕީއެންސީގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ
ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު
ނެތްކަމުގެ ވޯޓެއް ނުނެންގެވޭނެ ކަމަށާއި، އެ ފުރުސަތުވެސް ނުދެއްވާނެކަމަށެވެ.
އަދި ނަނާ ހުވަފެން ނުދެކުމަށް އަބްދުއްރަޙީމް ވަނީ ގޮވާލައްވާފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ހިއްސާ
ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ،  މަޖިލީހުގެ ތިންބައިކުޅައެއްބައި މެންބަރުން ހުށަހެޅުމުން ވޯޓަށް އެހުން
ނޫން ގޮތެއް ނޯންނާނެ ކަމަށާއި، އެއީ ރާއްޖޭގެ ގާނޫނުއަސާސީގެ އެންމެ ބޮޑު ހަމަ ކަމަށެވެ.