މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދެންޖެހޭ ވަރުގެ ކަމެއް ނުވާ ކަމަށް އެޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއީލް މިހެން މި ވިދާޅުވީ، އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި އެ ޕާޓީގެ މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މާއާފަށް އެދިވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ހުކުރު ދުވަހު ރ. ދުވާފަރަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ނަޝީދު ވަނީ އެމްޑީޕީގެ އާއްމު މެންބަރުން ވެސް މައާފަށް އެދެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މައާފަށް އެދެންޖެހޭ ސަބަބެއް ވިދާޅެއް ނުވެ އެވެ.

މި ވާހަކަތަކާ ގުޅިގެން، ހޮނިހިރު ދުވަހު ހއ.ކެލާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި  މީހަކު ސުވާލު ކުރުމުން މީކާއީލް ވިދާޅުވީ، ނަޝީދު ކަމުގައި ވިޔަސް ނުވަތަ އެހެން ބޭފުޅަކު ކަމުގައި ވިޔަސް، އެމްޑީޕީގެ އާންމު މެންބަރުން މައާފަށް އެދެން ޖެހޭނެ އެއްވެސް ކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން މީކާއީލް ވިދާޅުވީ އެމްޑީޕީގެ އާއްމު މެންބަރުން ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ކަަމަށާއި، އެކަމުގެ ނަތީޖާ ފެންނަން އެބައޮތް ކަމަށެވެ. އަދި އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަކީ އެ ބޭފުޅުންގެ އަމިއްލަ މަސައްކަތުން އެ މަގާމަށް ވަޑައިގެންނެވި ބައެއް ނޫން ކަމަށާއި، އެއީ އާންމު މެންބަރުންގެ މަސައްކަތް ކަމަށެވެ.

ނަމަވެސް 2023 ވަނަ އަހަރު މި މަސައްކަތްތަކަށް އެއްވެސް ބެލުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލުކުރުމަށް އެމްޑީޕީގެ އެތައްހާސް މެންބަރުންނެއް މަގުމަތި ކުރެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިސަބަބުތަކާއެކު ވެސް އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކައިރީގައި މައާފަށް އެދެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.