އަދަދު ނޫހުގެ ދެ ނޫސްވެރިންނަށް ކުރި ޖަލު ހުކުމާއި
ޖޫރިމަނާގެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަތުމަށް ނިންމައިފި އެވެ.
މި މައްސަލައިގައި ހިމެނެނީ އަދަދު ނޫހުގެ ނޫސްވެރިން
ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު އެވެ. ޝަހުޒާނާއި ލީވާން
ކޯޓަށް ހާޒިރުކުރީ އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް
ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ރާއްޖޭގެ ހުރިހާ
ރައްޔިތުންގެ މައްޗަށް "ގެގް އޯޑަރ" ނުވަތަ އަނގަ ބަންދުކުރުމުގެ އަމުރު
ނެރެފައި އޮއްވާ އެ ވާހަކަ ދައްކާ ލިޔުނު ކަމަށް ބުނެ އެވެ.
ގާނޫނީ އެހީތެރިކަން ހޯދަން އެކަށީގެންވާ ވަގުތު
ނުދީ އަވަސް އަރުވާލައިގެން ބޭއްވި ޝަރީއަތެއްގައި އެ ދެ ނޫސްވެރިންނަށް ހުކުމް ކުރީ
އަދަދުން ނެރުނު އައިޝާ ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން
ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ނިންމައިގެންނެވެ.
މި މައްސަލައިގައި ލީވާނަށް އިއްވީ ހަތަރު މަހާއި
24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން 10 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެ
ކަމަށް ކަނޑައަޅައި ހުކުމުގެ ބާކީ ބައި ޖޫރިމަނާއަކަށް ބަދަލުކުރި އެވެ. ޝަހުޒާނަށް ވެސް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ
ޖަލު ހުކުމެކެވެ. އޭގެ ތެރެއިން 15 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެކަމަށް ކަނޑައަޅައި
ބާކީ ބައި ޖޫރިމަނާއަށް ބަދަލުކުރި އެވެ.
އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓަރީ އާ ގުޅޭ މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށެވެ.
ހައިކޯޓުގެ ވެބްސައިޓުން ދައްކާ ގޮތުގައި މި
ދެ މައްސަލަ މިހާރު ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.