ގޯއްޗާއި
ފްލެޓަށް އެދުމުގެ މުއްދަތު އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން
މިނިސްޓްރީން އިތުރުކޮށްފި އެވެ.
މިނިސްޓްރީން
ކުރި އިއުލާނުގައިވާ ގޮތުން ކުރިއަށް އޮތް އަޟްޙާ އީދުގެ ބޮޑު ބަންދާ ގުޅިގެން ޖޫން
މަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް މި ފުރުސަތު ވަނީ
އިތުރުކޮށްދެވިފައެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް
އެންމެ ފަހުން ދިން މުއްދަތު ހަމަވާނީ މި މޭ މަހުގެ ނިޔަލަށެވެ.
މުއްދަތު
އިތުރުކުރަން ނިންމީ ބޮޑު އީދަކީ ގިނަ ބަޔަކު އާއިލާއާ އެކު ޗުއްޓީ އަށް ރަށުން ބޭރަށް
ދާ ދުވަސްވަރަކަށް ވުމާއި އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައި ވުމާ އެކު،
ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި
ފޯމު ހުށަހެޅުމަށް ދަތިވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުންދާތީ ކަމަށް
މިނިސްޓްރީން ބުންޏެވެ.
މުއްދަތު
އިތުރުކޮށްފައިވާ ސްކީމްތަކުގެ ތެރޭގައި ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫން ފުލެޓު
ލިބޭނެ ކަމުގެ ލިޔުން ލިބި ފުލެޓު ހާވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި
ހުށަހަޅާ ހާއްސަ ކެޓަގަރީ ހިމެނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް
ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ ވެސް ހިމެނެ އެވެ.
މީގެ އިތުރުން
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބިން އަދި ބިންވެރިޔާ ހާއްސަ
ސްކީމް ކެޓަގަރީ ތަކަށް ވެސް މުއްދަތު އިތުރުކޮށްފައިވެ އެވެ. ބިންވެރިޔާ ސްކީމުގެ
ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް
އެދި ހުށަހެޅުމުގެ ކެޓަގަރީ އާއި ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު
ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ ހިމެނެ އެވެ.
ގޯތިގެދޮރު
ޕްރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބަންޑާރަ
ގޯތި ވެސް މި މުއްދަތު އިތުރުކުރުމުގައި ހިމެނެ އެވެ.
ހައުސިން
މިނިސްޓްރީން ބުނީ މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ
ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59
ވަންދެން އިތުރުކޮށްފައިވާ ކަމަށެވެ.