ކަނޑުއަޑީގެ
ހޮހަޅައަކަށް ފީނުމުގެ ތެރޭގައި މަރުވި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އޭނާގެ
ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އަރާ ހިސާބުން ކަމަށް ސަރުކާރުގެ
ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ކުރިން ވިދާޅުވިނަމަ ވެސް، އެއީ އެންމެ ރަނގަޅަށް ކަށަވަރު ނުކޮށް ވިދާޅުވި
މައުލޫމާތުކަން ހާމަވެއްޖެއެވެ.
މި
މައްސަލައިގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ
ބޭރުގެ އެކި މީޑިއާތަކަށް ކޮމެންޓު ދެއްވާފައެވެ. އެގޮތުން އެ ޙާދިސާ ހިނގި ދުވަހު
ބީބީސީއާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވެފައިވަނީ، ރެސްކިއު ޑައިވަރުންގެ 8
ޑައިވަރުން ފީނަން ފޭބި ކަމަށާއި، އެމީހުން މައްޗަށް އެރިއިރު މަހުދީ ނެތްކަން
އެނގުނު ކަމަށެވެ.
އެކަމާ
ގުޅޭގޮތުން އިތުރު ތަފްސީލަށް އެދި ރާއްޖެއެމްވީން އެ ދުވަހު ސުވާލު ކުރުމުން
މުންދު ވިދާޅުވީ، އޭނާއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މަހުދީ އޭނާގެ ބަޑީ
ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އަރާ ހިސާބުން ކަމަށެވެ. އެހެންނަމަވެސް،
އެ ދުވަހު ކަން ހިނގާފައިވަނީ އެގޮތަށް ނޫންކަން އިތުބާރު ހުރި މަސްދަރުތަކުން
ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައެވެ.
އިތުބާރު
ހުރި މަސްދަރުތަކުން ކަށަވަރު ކޮށްދިން ގޮތުގައި މަހުދީގެ ހަށިގަނޑު ފެނިފައިވަނީ
މެރިން ޕޮލިހުންނަށެވެ. އެމީހުންނަށް ހަށިގަނޑު ފެނުނުއިރުވެސް މަހުދީ އޮތީ
މަރުވެފައިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ސިފައިން އޭރު ހާމަކޮށްފައިވާ
މައުލޫމާތުގައި ބުނެފައިވަނީ މަހުދީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ ހާލު
ދެރަވެގެން ކަމަށެވެ.
ނުވިތާކަށް،
މައްޗަށް އަރަނިކޮށް ގެއްލުނު މީހެއްގެ ހަށިގަނޑު ހޮހަޅައިގެ އެހާ ފުނުން ފެނުނީ
ކީއްވެތޯވެސް ގިނަ ބަޔަކު ގެންދަނީ ސުވާލު ކުރަމުންނެވެ.
އެހެންވެ
އެކަމާ ގުޅޭގޮތުން މުންދުއާ ސުވާލު ކުރުމުން މުންދު ވިދާޅުވީ، އެއީ އޭރު އޭނާއަށް ލިބިފައިވާ
މައުލޫމާތު ކަމަށާއި، އެކަންކަން މިހާރު ކަމާބެހޭ އިދާރާތަކުން ތަހުގީގު
ކުރަމުންދާކަމަށެވެ. އެހެންކަމުން އެކަމުގެ އިތުރު މައުލޫމާތު ދެން ހިއްސާކުރާނީ
އެ ފަރާތްތަކުންކަމަށް މުންދު ވިދާޅުވިއެވެ.
މި މައްސަލައިގައި ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، އެމްއެންޑީއެފުގެ މީޑިއާ ގްރޫޕުގައިވެސް އެތައް ނޫސްވެރިންނެއް ގެންދަނީ އެކިއެކި ސުވާލުތައް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ ސުވާލުތަކަށް ޖަވާބެއް ދީފައިނުވާއިރު، ފުލުފުލުގައި ނޫސްވެރިން އަދިވެސް ގެންދަނީ ފުލުހުންނާއި ސިފައިންނަށް ވެސް ގިނަ ސުވާލުތައް ކުރަމުންނެވެ.