ޑައިވަރުން
ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އެ ސަރަޙައްދަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު
އޮޅުންފިލުއްވިއިރު، ސިފައިންގެ އެފަދަ ޤާބިލުކަމެއް ނެތްކަން އެތަނުގައި ތިއްބެވި
ސިފައިންގެ ބޭފުޅުން ރައީސާ ހިއްސާ ކުރައްވާފައި ނުވާކަމަށް ސަރުކާރުގެ ތަރުޖަމާނު
މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ހޮނިހިރު
ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ޑައިވަރުން
ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އެ ސަރަޙައްދަށް ވަޑައިގެން ރައީސް އޮޅުންފިލުއްވިއިރު، ސިފައިންގެ އެފަދަ
ޤާބިލުކަމެއް ނެތްކަން އެތަނުގައި ތިއްބެވި ސިފައިންގެ ބޭފުޅުން ރައީސްއާ ހިއްސާ
ކުރައްވާފައި ނުވާކަމަށެވެ.

އަދި ކުރެއްވިނަމަ އެކަންކަން
ފެސިލިޓޭޓް ކޮށްދެއްވީސްކަމަށް މުންދު ވިދާޅުވިއެވެ.

އަދާހަމަ މައުލޫމާތު ހިއްސާ ކުރެއްވި، އެކަމަކު ކެޕޭސިޓީއެއް ނެތޭ، އިކުއިޕްމަންޓް ނެތެކޭ ވިދާޅެއް ނުވޭ. ވިދާޅުވިނަމަ ހަމަ ހެޕިލީ އެކަން ސަރުކާރުން ފެސިލިޓޭޓުވެސް ކޮށްދޭނަން.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

އެހެންނަމަވެސް
ރައީސަކީ ސިފައިންގެ އެންމެ މަތީ ވެރިޔާކަމަށްވާއިރު، ސިފައިންގެ ޤާބިލުކަމާއި
މުހިއްމު ސިޔާސަތުތަކާ ގުޅޭ ކަންކަން ރައީސަށް އެނގިވަޑައި ނުގަންނަވަންވީ ކީއްވެތޯ
ސުވާލު އުފެދެއެވެ. އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ފުރަތަމަ މުންދު
ވިދާޅުވީ، ރައީސަކީ ސިފައިންގެ ކޮމާންޑަރ އިން ޗީފްކަމުގައިވީނަމަވެސް، ރައީސަކީ
ސިފައިންނަށް ކަންކަމުގައި އެންގުންތައް އަންގަވާ ބޭފުޅެއް ނޫން ކަމަށެވެ.

އެހެންނަމަވެސް،
އެއީ ސިފައިންގެ ޤާނޫނުން ރައީސަށް ލިބިދޭ ބާރެއްކަމަށްވާއިރު، އެފަދަ
ޙާލަތެއްގައި ރައީސް އެ އަމުރު ނުކުރައްވަންވީ ކީއްވެތޯ ސުވާލު ކުރުމުން މުންދު
ވަނީ ޤާނޫނުން ބާރު ލިބިދީފައި އޮތްނަމަވެސް ރައީސް އެގޮތަށް އަމުރު ނުކުރައްވާނެކަމަށް
ވިދާޅުވެ، ކުރީ ސަރުކާރުތަކުގައި ކަންކަން ހިނގާފައިވާ ގޮތާ ގުޅޭގޮތުން ވާހަކަ
ދައްކަވާފައެވެ.