ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. 

އެޗްޕީއޭއިން ބުނީ، ހިމަބިހި (މީސަލްސް) ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އެދޭ ކަމަށާއި، ފަރުވާ އަވަސް ކުރަން ޖެހޭ ކަމަށެވެ. ހިމަބިހީގެ އަލާމަތްތަކަށް އިޝާރާތް ކޮށް އެޗްޕީއޭއިން ބުނީ، އެ ބަލީގައި ހުން އައުމާއި، ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނޭ ކަމަށެވެ. އަދި ރަތް ބިހިތައް ފެނުމުގެ 4 ދުވަސްކުރިންނާއި ފަހުން ވެސް ހިމަބިހި ފެތުރިދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ބުނީ، ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން މި ބަލި ވަރަށް ފަސޭހައިން ފެތުރިގެންދާ ކަމަށެވެ. އެހެންކަމުން އަލާމާތްތަކަށް ސަމާލުވެ، މާސްކް އެޅުމަށް އެދިފައިވެ އެވެ. 

އެޗްޕީއޭއިން މިފަދަ އިލްތިމާސްއެއް ކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ޕޮޒިޓިވް 7 ކޭސް ވަނީ ފެނިފަ އެވެ. އަދި މިކޭސްތަކުގެ 74 ށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވެ އެވެ. 

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަދި އަވައްޓެރި ގައުމުތަކުގައި ވެސް މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެކެވެ. އަދި ކުރިއަށް އޮތީ އަޟްޙާ އީދު ބަންދަށްވާތީ، ގިނަ ބަޔަކު ދަނީ އެކި ރަށްތަކާއި، ބޭރު ގައުމުތަކަށް ދަތުރު ކުރަމުންދާތީ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ. 

2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. ނަމަވެސް އޭގެ ފަހުން 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ރާއްޖެއިން ފެނިފައިވެ އެވެ.