ހުޅުމާލެ އަމާން ދޯދިތަކުގެ ބައެއް ޓަވަރުތަކަށް ފެން ބިލު ނުލިބޭތާ 3 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން އަމާން ދޯދި ޓަވަރު 5 އަދި 7 ގައި ދިރިއުޅޭ މީހުން ބުނީ، ފެން ބިލު ނުލިބޭތާ މިހާރު 3 މަސް ވެފައިވާ ކަމަށާއި، އެކަމާއި ވަރަށް ކަންބޮޑުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޑަބްލިޔުއެސްސީއަށް ގުޅައި ޝަކުވާ ކުރާތާ އެތައް ދުވަހެއްވެފައިވާކަން ފާހަގަކޮށް އެމީހުން ބުނީ، އެ މައްސަލަ ބަލަމުންދާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނަމުންދާ ކަމަށެވެ. އަދި މިހާރު ބިލްތައް ޕްރޮސަސް ކުރަމުންދާ ކަަމަށް ބުނެފައިވާ ކަަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ބިލުތައް ނުލިބޭ ކަމަށް އެމީހުން ބުންޏެވެ.
މީގެ އިތުރުން އެމީހުން ބުނީ، 3 މަހުގެ ބިލު ނުލިބި ދިޔައީ އެމްޑަބްލިޔުއެސްސީގެ މައްސަލައަކުން ކަމަށާއި، 3 މަހުގެ ބިލް އެއްފަހަރާ ދައްކަން ޖެހުމުން ވަރަށް ދަތިވާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި، ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެމީހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފަށާއިރު ޕްރޮގްރާމްގެ ތެރެއިން އެމްޑަބްލިޔުއެސްސީއަށް ގުޅުމުން އޮފިޝަލް ވިދާޅުވީ މިފަދަ މައްސަލައެއް އުޅޭ ކަމަށްވާނަމަ އެމްޑަބްލިޔުއެސްސީ އެކަމަށް އެޓެންޑްވާނެ ކަމަށާއި، އަދި މިހާތަނަށް މިފަދަ މައްސަލައެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ނޭނގޭ ކަމަށެވެ.
ހުޅުމާލެ އަމާން ދޯދިތަކުގެ ބައެއް ޓަވަރުތަކަށް ފެން ބިލު ނުލިބޭތާ 3 މަހަށް ވުރެ ގިނަ ދުވަސްވީ މައްސަލަތަކެއް ފެންމަތިވިއިރު، ރަމަޟާން މަހުގެ ފަހުން އާދަޔާ ހިލާފަށް ފެން ބިލާއި ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.