މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި އެ ޕާޓީގެ މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މާއާފަށް އެދިވަޑައިގެންފި އެވެ. 

އެމަނިކުފާނު މައާފަށް އެދިވަޑައިގަތީ، ބޮޑު ބަދަލު ކެންޕޭނަށް ހުކުރު ދުވަހު ރ. ދުވާފަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ. 

މި ބައްދަލުކުރެއްވުމުގައި އާއްމުންގެ މީހަކު ވަނީ ނަޝީދު ޕާޓީ ދޫކުރައްވައި ވަޑައިގެންނެވުން އެއީ ކުށެއް ކަމަށާއި، އެކަމާ ގުޅިގެން އާއްމު މެންބަރުންގެ އިތުރުން ޕާޓީއަށް ވަރަށް ބޮޑު ދެރައެއް ލިބުނު ކަމަށް ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން މައާފަށް އެދެން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައިވެ އެވެ.

އެ މިހާގެ މިވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އެ ވާހަކަތައް އާއްމުކޮށް ދައްކަން ބޭނުންނުވާ ކަމަށާއި، ކޮނުނު ވަރަކަށް ވާނީ ފަސްގިނަ ކަމަށެވެ. އެމްޑީޕީ ދޫކޮށްލުމަކީ އެމަނިކުފާނަށް ވެސް ވަރަށް ބޮޑު ހިތާމައެއް ލިބުނު ކަމެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ،  އެމަނިކުފާނުގެ މުޅި ހަޔާތަކީ އެމްޑީޕީ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވުރެ ބޮޑަށް އެ ޕާޓީގައި އަނިޔާ ލިބުނު އަދި ގިނަ ދުވަހު މަސައްކަތް ކުރި މީހަކު ނުހުންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

މީގެ އިތުރުން ނަޝީދު ވަނީ  2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދީމާކޮށް އެމްޑީޕީ ދޫކުރައްވައި ވަޑައިގަންނަން ޖެހުނު ސަބަބުތައް ވެސް އޮޅުން ފިލުއްވައި ދެއްވާފަ އެވެ.

އެގޮތުން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ފަހު އޭރުގެ ރައީސް  އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނާ ވާހަކަ ދެއްކުން ހުއްޓާލެއްވުމާއި، އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ކަންކަން ހިނގައި ދިޔަ ގޮތުންނާއި، އަދި އެމަނިކުފާނާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވި މެންބަރުން ކަމަށްވާ، އޭރުގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލިސް މެންބަރުން ކަމަށްވާ ހަސަން ލަތީފް އާއި، އަލީ އާޒިމް އާއި މުހައްމަދު ވަހީދު އަދި އިމްތިޔާޒު ފަހުމީ އަށް ޕާޓީގެ ތެރެއިން ފިޔަވަޅު އަޅަން ފެށި މައްސަލަ ނަޝީދު ފާހަގަކުރެއްވި އެވެ. 

ގޯސްތަކެއް ހެދިފައިހުރިކަން ގަބޫލުކުރައްވައި ނަޝީދު ވިދާޅުވީ އެކަމަށްޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން މައާފަށް އެދެން ޖެހޭ ސަބަބުތަކަކީ ކޮބައިކަން ފާހަގަ ނުކުރައްވަ އެވެ.