މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގެ "ދެވަނަ ކަނޑު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަހައްދުގެ ހޮހަޅައަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް ފޮނުވާލުމަށް ނިންމައިފި އެވެ. 

މޭ މަހުގެ 14 ވަނަ ދުވަހު ފީނަން ގޮސް ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ މޮނިކާ މޮންޓެފަލްކޯންގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް އާއި، ރިސާޗަރު މުރިއަލް އޮޑެނީނޯ އާއި، ރިސާޗް އެސިސްޓަންޓް ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ އެވެ.

މި މީހުން ހޯދުމަށް ކުރި ފުރަތަމަ މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ރެސްކިއު ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ. މި މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ، މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ހަތަރު މީހުންގެ ހަށިގަނޑު ވެސް މިރޭ ފަތިހު އިޓަލީ އަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ އެ ގައުމުގައި ވެސް މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ތަހުގީގުގެ ތެރެއިން ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ޓީމާއި ހިއްސާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖެ އިން ވެސް މި މައްސަލަ ތަހުގީގުކުރާތީ ދެ ގައުމުން އެގޮތަށް އެއްބަސްވެފައިވާ ކަމަށް މުންދު ވިދާޅުވި އެވެ. 

މަރުވި މީހުންގެ ހަށިގަނޑާ އެކު ފެނުނު ގޯޕްރޯ ކެމެރާތަކާއި، ޑައިވް ކޮމްޕިއުޓަރުތަކާއި އެހެނިހެން ސާމާނުތައް ބެލުމުގެ ހުއްދައަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ. މި ތަކެތި މިހާރު ހުރީ މާލޭގައި ތަހުގީގީ އިދާރާތަކުގެ ބެލުމުގެ ދަށުގައެވެ.

މި އާލާތްތަކުގެ އެހީގައި، އެމީހުން ފީނި ފުންމިނާއި، ހޭދަވި ވަގުތާއި، ބޭނުންކުރި ގޭހުގެ މިންވަރުގެ އިތުރުން، ހާދިސާ ހިނގި ވަގުތުގެ ވީޑިއޯ ފުޓޭޖް ލިބުމުގެ ފުރުސަތު އެބައޮތެވެ. މީގެ ސަބަބުން އެމީހުން ހޮހަޅައަށް ވަނީ އަމިއްލައަށްތޯ ނުވަތަ ބާރުގަދަ އޮއިވަރެއްގައި ޖެހިގެންތޯ ކުރެވޭ ބަހުސްތަކަށް ނިމުމެއް އަންނާނެއެވެ.

މަރުވި މީހުންގެ ހަށިތައް އިޓަލީއަށް ގެންދިއުމާއެކު އޮޓޯޕްސީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑައިވް ކޮމްޕިއުޓަރުތަކާއި ގޯޕްރޯ ކެމެރާތަކުން ލިބޭ މައުލޫމާތުން، މި ހިތާމަވެރި ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަަސްވީރެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.