ޒިނޭގެ ސީދާ ތުހުމަތު ނޫން ގޮތަކަށް، އެ ކަމުގެ ވަށައިގެން އެހެން ގޮތްގޮތަށް  ބުނެވޭ ބަހަކުން މީހެއްގެ މައްޗަށް ގަޒުފުގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވަނީ ގަޒުފުގެ ކުށުގެ ތަޢުރީފާއި އެކަން ސާބިތުވާނެ ގޮތްތަކާ ގުޅޭގޮތުން ޝަރުޢީ އަދި ޤާނޫނީ ތަފްސީލް ދެއްވާފަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ގަޒުފަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ޞަރީޙަކޮށް އޭގެ ތަޢުރީފް އައިސްފައިވާ ކަމެއް ކަމަށާއި، އެއީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރެއިން އެއް ކުށް ކަމަށެވެ. ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ގަޒުފު ކުރެވެނީ ސީދާ ގޮތުންނާއި ނުސީދާ މާނަ ދޭހަވާ ގޮތަށް ކަމަށް ވީނަމަވެސް، ކޮންމެ ގޮތަކަށް އެކަން ކުރި ކަމުގައި ވިޔަސް އޭގެ ސީދާ މާނަ ސާފުކޮށް އެނގެން އޮންނަން ޖެހޭނެ އެވެ. އެގޮތުން އެ މީހަކަށް އެ ކުރެވެނީ ޒިނޭގެ ތުހުމަތުކަން ޔަގީންވާން ޖެހޭނެ ކަމަށާއި، އެ ނޫން ގޮތަކަށް ބުނެވޭ ބަހަކުން ގަޒުފުގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޒިނޭގެ ތުހުމަތު ނޫން ގޮތަކަށް، އެ ވަށައިގެން އެހެން ގޮތްގޮތަށް ބުނެވޭ ބަހަކުން އަދި ގަޒުފެއް ނުކުރެވޭނެ. އެހެންވީމާ، ވަރަށް މުހިންމު ކަމެއް އެއީ. މި ދެންނެވިހެން ގަޒުފުގެ ތަޢުރީފު ނުވަތަ ގަޒުފު މީހަކަށް ސާބިތުކުރާ ކަމުގައި ވަނީނަމަ، އެ ބުނެވުނު ބަހުން އެނެކާއަށް ރައްދުވި މީހާއަށް، ގަޒުފު ކުރެވުނު މީހާ ނުވަތަ ރައްދުވި މީހާއަށް އެ ކުރަނީ، އަޑުއަހަން ހުރި މީހާ، ނުވަތަ ސާފު ބަހުން، އިޢުތިރާފުން އެ ގަޒުފު ކުރިކަން އެއްކަމަކަށް.
ކުރީގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު

އެމަނިކުފާނު އިތުރަށް ތަފްސީލް ދެއްވަމުން ވިދާޅުވީ ގަޒުފު ސާބިތުކުރުމުގައި އެ ބުނެވުނު ބަހަކީ އަޑުއަހަން ހުރި މީހާއަށް ސާފުކޮށް އެނގޭ ބަހަކަށް ވާންޖެހޭނެ ކަމަށެވެ. މިސާލަކަށް "މިއީ ޙަރާމް ދަރިއެކޭ" ބުނުން ފަދަ ސީދާ ބަސްތަކުން ގަޒުފު ސާބިތުވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ޝައްކުގެ މައްޗަށް ބިނާކޮށް ނުވަތަ "ހީވެއޭ" ބުނެ ދައްކާ ވާހަކައަކުން ގަޒުފުގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޤާނޫނުލްއުޤޫބާތާއި ޚާއްޞަ ޤާނޫނުތަކުގައި ޖިންސީ ތަފާތު ކުށްތައް ކަނޑައެޅިފައިވީ ނަމަވެސް، އެކި ފަންތީގެ ޖިންސީ ކުށްތަކަށް ތުހުމަތު ކުރުމަކީ އަދި ގަޒުފަކަށް ނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ގަޒުފުގެ ކުށުގައި ޖެހޭނީ މުޠުލަގުކޮށް ޒިނޭގެ ތުހުމަތު އެ ރައްދުވާ މީހާގެ ބޮލުގައި އެޅުވުމުން ކަމަށެވެ. މިއީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ބަޔާންވެގެންވާ އުސޫލެއްކަން އެމަނިކުފާނު ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.