އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑުކަން ފާހަގަކުރައްވާ، ކައުންސިލްތަކުގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މި މަހު ގެ 11 ވަނަ ދުވަހު ކުޑޫ ހުށަހެޅުއްވި ސިޓީއެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ ލޯކަލް ކައުންސިލްތަކުގައި ހިމެނޭ ކައުންސިލަރުން ކަމަށް ވީއިރު އެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިތުރުވެ އެ ފަރާތްތަކުން މަސައްކަތްތަކުގައި ހޭދަކުރަންޖެހޭ ވަގުތު މި ގިނަވެފައިވާ ކަމަށެވެ. 

ކައުންސިލަރުންގެ މުސާރައިގެ އަދަދުތައް މިހާރު ހުރި ގޮތަށް ބެލުމުން ބައެއް މުހިއްމު ކަންކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. 

އެގޮތުން ކައުންސިލް ރައީސްގެ މުސާރަ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށްވުރެ ކުޑަ ކަން ފާހަގަވެފައިވާ ކަމަށާ ކައުންސިލް ނައިބު ރައީސްގެ މުސާރަ ކައުންސިލް އެގްޒެކެޓިވެއްގެ މުސާރަ އަށް ވުރެ ކުޑަ ކަމަށް ކުޑޫ ވިދާޅުވި އެވެ. އަދި ކައުންސިލް މެންބަރުންގެ މުސާރަ ކައުންސިލްގެ ބައެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތަކަށް ވުރެ ކުޑަ ކަން ފާހަގަކުރައްވާފައިވެ އެވެ. 

ކުޑޫ ވިދާޅުވީ ކައުންސިލްތައް ހިންގުމަށާ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކޮށްފައި ތިބޭ ބައެއްގެ މުސާރަ، ކައުންސިލް އިދާރާގެ އާންމު މުވައްޒަފުންގެ މުސާރައަށް ވުރެ ކުޑަކޮށް އޮތުމަކީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއްކަމަށް ދެކޭނެ ސަބަބެއް ކަމަށެވެ. އަދި މިހެންވުމުގެ ސަބަބުން އިންތިޚާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަން އައިސް އިދާރީ މުވައްޒަފުން މެދުވެރިކޮށް ކަންކަން ތަންފީޒުކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމެއް ކަން ފާހަގަ ކުރެވޭ ކަމަށެވެ. 

އެހެންކަމުން ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް ހުށަހަޅުއްވާ ގޮތް ކުޑޫ ހާމަ ކުރައްވާފައިވެ އެވެ. 

އެއީ: 

  1. ކައުންސިލްގެ ރައީސަށް: 45،000 ރުފިޔާ

  2. ކައުންސިލްގެ ނައިބުރައީސަށް: 35،000 ރުފިޔާ
  3. ކައުންސިލް މެންބަރަކަށް: 25،000 ރުފިޔާ

ކުޑޫ ވިދާޅުވީ ލާމަރުކަޒީ ހަރުދަނާ ކޮށް ހިންގުމަށާ ތައުލީމީ އަދި ގާބިލު މީހުން ރަށްތައް ދޫކޮށް މާލެ ސަރަހައްދަށް ބަދަލުވިޔަ ނުދީ ރަށްރަށުގެ ހިންގުމުގެ މަގާމުތަކުގައި ދެމެހެއްޓުމަށް މި ކަމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އިން ބެލުމަށް މެންބަރު އެދިފައި ވެ އެވެ.