ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު މިހާރު ގޯސް ކަމަށާއި، މިއީ ނެތް ކަމެއް ކަމަށް ސަރުކާރުން ހަދާ ނަމަ ހާލަތު ވާނީ އިތުރަށް ގޯސް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ނާޒުކު މިންވަރު ސަރުކާރުން އާއްމުންނަށް ހާމަކުރަމުން ނުދާ ކަމަށާއި އެއީ ވަރަށް ބޮޑަށް ކަންބޮޑުވުމެއް ކަމަށެވެ. މި ވަގުތަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކު އެއް މޭޒަކަށް އައިސް ކަންކަމާ މެދު މަޝްވަރާ ކުރަންވީ ވަގުތު ކަމަށް އަމީރު ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދުގެ ހާލަތު އިތުރަށް ދަށަށް ނުދާނެ ގޮތްތަކެއް ހޯދޭނީ އޭރުން ކަމަށް އަމީރު ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގެ ޙާލަތު ގޯސް. މިއީ ދާއިރާގެ މީހުންނާއި އެކު މަޝްވަރާ ކުރަންވީ ވަގުތު. ކުރިއަށް އިންތިހާބެއް ނެތް. ސަރުކާރުން މި ވާހަކަ ނުދައްކަން އުޅެން ޖެހޭ ސަބަބެއް ނެތް. ދަރަނި ދައްކާ މުސާރަ ދެވުނަސް އިގްތިސާދު ރަނގަޅެއް ނޫން." އަމީރު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތު ފިޔަވާ އެހެން ހުރިހާ ސިނާއަތެއް އޮތީ މި ސަރުކާރު އައި ފަހުން ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށް އަމީރު ވިދާޅުވި އެވެ. ކޮވިޑްގެ ދުވަސް ވަރު ވެސް ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށްގެން އަޅަން ޖެހުނު މުހިންމު ފިޔަވަޅުތައް އެޅި ކަމަށާއި ފިޔަވަޅު ނާޅާ ކަންކަން ދޫކޮށްލުމަކީ މަޝްރަހު އިތުރަށް ގޯސް ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދާ ވަރަށް ގައުމުގެ އިގްތިސާދު ދަށް ވެގެންދާނެ ކަމަށް ވެސް ޝާޒް ވަނީ ވިދާޅުވެފަ އެވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވަމުންދާތީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުން ލަފާކުރެ އެވެ. އަދި އެކަމުގެ ސީރިއަސްކަން ހާމަކޮށް ސަރުކާރުގެ އެހީތެރިކަމަށް ވެސް އެ ޖަމިއްޔާ ޖަމާއަތްތަކުން އެދިފައިވެ އެވެ.

އެހެންނަމަވެސް އެ އަދަދުތަކާ މެދު ސަރުކާރުން ވަނީ ސުވާލު އުފައްދާފަ އެވެ. ރާއްޖޭގެ ފަތުރުވެރިކަން މި ހިސާބަށް ދަށް ވުމުގެ ފަހަތުގައި ވެސް ވަނީ ސަރުކާރުގެ ސިޔާސަތެއް ނެތުމުގެ މައްސަލަ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.