އެމްޑީޕީ މިއަދު ހޭލާފައިވާ ކަމަށާއި ޕާޓީގެ ވިސްނުން ބަދަލުވާތަން ފެންނަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެނައުމަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދާ "ބޮޑު ބަދަލު" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ ޕާޓީގެ ކަންކަން ދަށް ވެގެން ދިޔަ ދަނޑިވަޅެއް ދިޔަ ކަމަށެވެ. މިއަދު ޕާޓީ އަލުން އިތުރަށް ހަރަކާތްތެރިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. މިއަދު ގައުމުގައި ޚިޔާލުފާޅުކުރުމާއި އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ގެއްލެމުންދާ ކަމަށާއި އެކަންކަން ރަނގަޅު ކުރެވޭނީ ވަރަށް ރަނގަޅު ތަޖުރިބާ ހުރި ބަޔަކު ޕާޓީގެ ހުންގާނާއި ހަވާލުވެގެން ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލު ކުރެވޭނީ ތަޖުރިބާ ހުރި ބަޔަކު ޕާޓީގައި އިސްކޮށް މަސައްކަތް ކޮށްގެން ކަމަށާއި އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެމްޑީޕީ މުހިންމު މީހުން އެކަމާއި މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންނަކީ ގައުމުގެ ކަންކަން އިސްލާހުކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ބައެއް ކަމަށް މާރިޔާ ސިފަކުރެއްވި އެވެ. ޕާޓީގެ ހުންގާނު ޒުވާނަކާއި ހަވާލުކުރަންވީ ވަގުތަކީ މިއީ ނޫން ކަމަށާއި މިއީ އެއަށް ވުރެ ބިރުވެރި ދަނޑިވަޅެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މި ވަގުތު ޕާޓީގެ އިސް ސަފަށް ބޭނުން ވަނީ ރައީސް ނަޝީދު. ޕާޓީ ބައިވެރިކޮށްގެން ޕާޓީގެ އާއްމު މެމްބަރުންނާއި އެކުވެގެން އެކަން ކުރެވޭނެ ބޭފުޅަކީ ރައީސް ނަޝީދު." މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.