ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ބޭވަފާތެރި އެއް ކަމަށާއި ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ ރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު އަކީ އެކުގައި އުޅުއްވާ ލީޑަރުންނަށް ވެސް ބޭވަފާތެރި ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން އުޅެނީ ނާޒިމް ޕާޓީ ބަދަލުކޮށްފާނެތީ ނުވަތަ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފާނެތީ ކަމަށެވެ. އެއީ މުއިއްޒު ކުރިން ވެސް އަމަލުކުރައްވާ އުސޫލު ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

"ގޮތެއް ނެތް ރައީސް މުއިއްޒުގެ. އަޅުގަނޑު މަޖިލިސް ރައީސްކަމުގައި އިންދާ މުއިއްޒު އަށް ތާއިދު ކުރައްވާ ޕީއެންސީ ޓިކެޓަށް ވާދަ ނުކުރައްވަން ޣައްސާން މައުމޫން ނިންމެވީ. ދެން އަޅުގަނޑު ކައިރީގައި އެއްސެވީމަ އަޅުގަނޑު ދެންނެވިން ކޮއިފުޅާ އޭ އަތް ނުލައްޗޭ ފާރުގާ. ހަމަ ނިކަން ތަދުވާ ގޮތެއްގާ ކަށި ޖަހާ ފާނޭ ބިޗޫ." ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން ޕީޕީއެމް ވެސް އުވާލެއްވީ ރައީސް މުއިއްޒު ވެރިކަމުގައި ހުރުމަށް މަގުފަހިކުރުމަށް ކަމަށް ނަޝީދު ސިފަކުރެއްވި އެވެ. އެކަން ކުރެއްވީ ޕީއެންސީ އެންމެ ބޮޑު ޕާޓީ އަށް ހެދުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވާތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ކުރީގެ ރައީސް ޔާމީން ވެސް ބާކީ ކުރެއްވީ އެ މޭރުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.