މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ބަދަލު ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ދަނީ ހައްގަކުން ހައްގަކުން ފަހަރަކު ހަގެއް ދަމައިގަންނަމުން ކަމަށެވެ. ޚާއްޞަކޮށް ބަސް ބުނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަމުންދާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. މިއަދު މި ތިބީ ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހޭ ހިސާބުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މިނިވަންކަމުގެ ތެރެއިން ވޯޓުފޮށި މެދުވެރިކޮށް މި ހައްގުތައް ގަބޫލު ނުކުރާ ބަޔަކަށް ވެރިކަން ލިބުމުގެ ފުރުސަތު ދިވެހި ރާއްޖެ އިން އެބަ ލިބޭ. އެކި ސަބަބުތަކަށްޓަކާ ޚުދުމުހާތު ވެރިކަން ބޭނުންވާ ބަޔަކަށް ރާއްޖޭގެ ވެރިކަމާއި ހިސާބަށް އެބަ އާދެވޭ. އެކަން ބަދަލުކުރުން މިހާރު އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ." ފައްޔާޒް ވިދާޅުވި އެވެ.

ދިވެހިން ބުރަ މަސައްކަތުން ހޯދާފައިވާ ހައްގުތައް ނުގެއްލޭނެ ގޮތަކަށް ވިސްނުން ބަހައްޓަން ޖެހޭ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން، ފައްޔާޒް ވިދާޅުވީ ދިވެހިންނަށް ހައްގުތައް ލިބުނީ ފެހި ޤާނޫނުއަސާސީ އާއި އެކުގައި ކަމަށާއި އެ ހައްގުތައް ހޯދުމަށް އެމްޑީޕީ އިން ވަރަށް ގިނަ މަސައްކަތްތަކެއް އޭރު ވެސް ކުރި ކަމަށެވެ. 

ފައްޔާޒް އިތުރަށް ވިދާޅުވީ ކުރިން ދިވެހިން ހައްގުތައް ހޯދަން ނުކުތް އިރު ދެއްކި ހިތްވަރު މިއަދު ދިވެހިންނަށް ނުދެއްކޭ ކަމަށާއި އެއީ ހަގީގަތް ކަމަށެވެ. އެ ހިތްވަރު ނެތުމުގެ މައިގަނޑު ސަބަބަކީ އެ ލިބުނު ހައްގުތަކުގެ ހިމާޔަތުގައި ތިބުމުން ކުރިން އޮތް އަނިޔާވެރިކަން ހަނދާން ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަނިޔާވެރިކަމާއި ދިމާއަށް މިހާރު ގައުމު ދާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.