ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު ތަސްދީޤު ކުރައްވައިފި އެވެ.
މި ބިލަކީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާ އިން ފާސްކުރި ބިލެކެވެ.
މި ގެނެވުނު އިޞްލާޙުގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބިދޭ ފައިސާއަށްވުރެ ބޮޑު އަދަދެއްގެ ފައިސާ އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭނަމަ، އެ ފަރާތަކަށް އަސާސީ ޕެންޝަން ނުލިބޭނެ އެވެ.
މީގެ އިތުރުން، ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ގެދޮރު އިމާރާތްކުރުމާއި، ގެދޮރު މަރާމާތުކުރުމުގެ ބޭނުމަށް އެ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ ނުވަތަ ރަހުނު ކުރެވޭނެ އިންތިޒާމު މި ބިލުގައި ވަނީ ހިމަނާފަ އެވެ.
މި އިޞްލާޙުގެ ދަށުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ފަރުވާ ނެތް ބައްޔެއް ނުވަތަ "ޓަރމިނަލް އިލްނަސް" އެއް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުމެވެ. މިގޮތަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.
ހަމައެއާއެކު، ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި، ކުރީބައިގަ ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފަ އެވެ.