ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުވާލުމަށްފަހު، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލުން އެ ނިޒާމަށް އަމަލުކުރަން ފަށައިފި އެވެ.
ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ ބޭނުމުގައި އެ ގައުމަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުން މި މަހުގެ 25 އިން ފެށިގެން އީޓީއޭ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ނަމަވެސް، ދިވެހި ރައްޔިތުންނަށް ކުރިންވެސް އޮންނަ އުސޫލުގެ ދަށުން، އެއްވެސް އިތުރު ފީއަކާ ނުލައި 90 ދުވަހުގެ ޓޫރިސްޓް ވިސާ ލިބޭނެކަމުގެ ޔަގީންކަން ހައިކޮމިޝަނުން ވަނީ ދީފަ އެވެ. ލަންކާއަށް ދަތުރުކުރުމުގެ 24 ގަޑިއިރު ކުރިން ހޯދަންޖެހޭ މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ އެ ގައުމުގެ ރަސްމީ ވެބްސައިޓް ކަމަށްވާ eta.gov.lk މެދުވެރިކޮށެވެ.
އީޓީއޭ ހުށަހެޅުމުގައި ލަންކާ ސަރުކާރުން އެއްވެސް ގައުމެއް އިސްތިސްނާކޮށްފައެއް ނުވެ އެވެ. ހައިކޮމިޝަނުން ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމުގައި ލަންކާއަށް އެތެރެވާ ކޮންމެ ގައުމެއްގެ ރައްޔިތަކުވެސް އީޓީއޭ ފުރިހަމަކުރުން މިހާރު ވަނީ ލާޒިމުކޮށްފަ އެވެ.
މި މަހުގެ 25 ގެ ފަހުން ލަންކާއަށް ދަތުރުކުރުމަށް ރާވާފައިވާ ދިވެހި ރައްޔިތުން، ފުރުމުގެ ކުރިން ރަސްމީ ވެބްސައިޓް މެދުވެރިކޮށް މި ހުއްދަ ހޯދުމަށް ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ ކުރިން ލަންކާ އިން ވަނީ ދިވެހިންނަށް އީޓީއޭ ނުލައި އެތެރެވެވޭ ގޮތަށް ލުއިތަކެއް ދީފަ އެވެ. ނަމަވެސް އާ އުސޫލާއެކު، ވިސާ ފީ ދައްކަން ނުޖެހުނު ކަމުގައިވިޔަސް، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ މި މަރުހަލާ ކޮންމެހެން ފުރިހަމަކުރަން ޖެހޭނެ އެވެ.